ވިޔަފާރި

މަސްވެރިންނަށް 20 މިލިއަން ރުފިޔާ ދޭން އެބައޮތް: މިފްކޯ

Nov 22, 2018

މަސްވެރިކަން މި ދުވަސްވަރު ރަނގަޅުވެފައިވާއިރު ކިރުވި މަހަށް ނުދީ 20 މިލިއަން ރުފިޔާ އެބައޮތް ކަމަށް މިފްކޯ އިން
ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ހިންގުވާ ހަވާލުވެހުންނެވި ރަމްޒީ އަބޫބަކުރު ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ކަމަށެވެ.

"މިއީ އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް. ރޭ އެކަނި ވެސް 400 އެއްހާ ޓަނުގެ މަސް ކިރުވި،" ރަމްޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިކަން ރަނގަޅުވެފައިވުމުން މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމުގެ މަސައްކަތްވެސް އަވަސް ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރަމްޒީ ވިދާޅުވި އެވެ.

"ފާއިތުދިޔަ ދެ ހަފުތާގައި ކިރުވި މަހަށް 20 މިލިއަން ރުފިޔާ ދޭން އެބަހުރި. އެ ފައިސާ އަންނަ ހަފުތާ ހިސާބު ދޭން މަސައްކަތް ކުރަނީ،" ރަމްޒީ ވިދާޅުވި އެވެ.

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުގެ ޝަކުވާއަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. އެ މައްސަލަ ހައްލު ކުރުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ ދެ ފަހަރެއްގެ މަތިން މިފްކޯއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިދިޔަ މަހު މިފްކޯއިން ވަނީ މަސްވެރިންނަށް 15 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.