ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ހުސައިން އަރީފް މަޖިލީހަށް ހޮވި ވަޑައިގަތީވެސް ޖުމްހޫރީޕާޓީގެ ޓިކެޓްގައެވެ. ޖޭޕީގައި ހުންނެވުމަށްފަހު އަރީފު ވަނީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވާފައެވެ. ފަހުން އޭނާ އަމިއްލައަށް އެމްޑީއޭއިން ވަކިވެ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އެވެ.
މޫސާ އަލީ ޖަލީލްއަކީ ރައީސް ޔާމީންގެ ކެބިނެޓްގައި ކާނަލް ނާޒިމްގެ ފަހުން ޑިފެންސް މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅާއެވެ. މޫސާ ޖަލީލް އޭރު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން އިންނެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގު ކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ. އަދި އެކަން ތަހުގީގުކުރަން ރައީސް އުފެއްދެވި ނެޝަނަލް އިންކުއަރީ ކޮމިޝަންގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޫސާ އަލީ ޖަލީލް އައްޔަންކުރެއްވި އެވެ. އަދި ފެބްރުއަރީ 7 ގައި ވެރިކަމުން ނަޝީދު އިސްތިއުފާ ދެއްވި އިރު ވެސް އެމްއެންޑީއެފްގެ އެންމެ މަތީ މަގާމުގައި ހުންނެވީ މޫސާ އަލީ ޖަލީލެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ކުރި އެވެ. ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އޭނާގެ މައްޗަށް އެ ޝަރީއަތް ހިންގީ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށެވެ.
ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ހަނގުރާމަކުރި ދިވެހި ސިފައިންގެ ތެރޭގައި އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ މޫސާ ޖަލީލެވެ.