ހަބަރު

ރައީސް ސޯލިހުގެ ޓްރާންސްޕޯޓާ ގުޅޭ ތިން ވައުދެއް ފުއްދަވައިފި

Nov 22, 2018
18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރަން ޖެހޭ ތިން މަސައްކަތް އެ މިނިސްޓްރީއިން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ފުރަތަމަ ހަތް ދުވަަހުގެ ތެރޭގައި ޓްރާންސްޕޯޓުން ނިންމަން ޖެހޭ ކަންކަން ނިންމާފައިވާ ކަމަށާއި އެގޮތުން ޓެކްސީ ބޯޑުން ފީ ކަނޑާލާފައިވާ ކަމަށެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑުން ފީ އެއް ނުނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ދައުލަތުގެ ބޭނުމަށް ފަޅު ތެރޭއިން ނަގާފައި ހުރި ތަންތަން ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި ގަވައިދާ ހިލާފަށް މަގު މަތީ ޕާކުކޮށްފައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓެކްސީ ބޯޑުގެ ފީ ނެގުން ނިމުމަކަށް ގެނެސްފައި ވާނެ، އާދީއްތަ ދުވަހުން ފެށިގެން އެކަމަށ އަމަލު ކުރާނަން، ޓްރެފިކް ފުލުހުންގެ މަގުމަތީގައި ހުރި ވެހިކަލްތައް ބޭނުން ނުކުރާ އެއްޗެހި ނެގުމުގެ މަސައްކަތް ދެ ދުވަހެއް ކުރިން ފައްޓަވައިފި،" އައިޝާ ވިދާޅުވި އެވެ.

ދަތުރުފަތުރާ ގުޅޭ ގިނަ ކަންތައްތަކެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އެތެރޭގެ އުދުހުންތައް މިހާރަށް ވުރެ އަގު ހެޔޮ ކުރުމާއި މާލޭގެ މަގުތަކުގައި ލޯޑިން އެންޑް އަންލޯޑިން ސަރަހައްދުތަކެއް ކަނޑައެޅުމާއި މާލޭގެ ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެނަންނަ ޖެހޭ ބަދަލުތައް ގެނެސް ހުޅުވަން ޖެހޭ މަގުތައް ހުޅުވުން ހިމެނެ އެވެ.