ހަބަރު

ފާޑު ކިޔުންތަކަށް އައިޝާގެ މަރުހަބާ: ރަނގަޅު ކުރެވޭނީ ފާޑުކިޔައިގެން

Nov 22, 2018
11

ފާޑުނުކިޔާ ކަމެއް ރަނގަޅެއް ނުވާނެ ކަމަށާއި ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، އައިޝާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރުމާ ގުޅިގެން އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރަތް ކުރައްވާ އައިޝާ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ފާޑު ކިޔުން އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ފާޑު ކިޔުންތަކާ ކުރިމަތިލައިގެން ނޫނީ މައްސަލަތައް ހައްލު ކުރަން ނޭނގޭނެ ކަމަށެވެ. އެހެންކަމުން އޭނާއަށް އަމާޒުވާ ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށް އައިޝާ ވިދާޅުވި އެވެ.

"ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފާޑު ކިޔުން އަންނާނެ. އޭގެ ޕޮސިޓިވް އާއި ނެގެޓިވްއާ ވެސް ހިމެނޭނެ، ނެގެޓިވް ފާޑު ކިޔުންތަކަކަށް ފޭސްކޮށްގެން ކަންނޭނގެ ރައްޔިތުންނަށްޓަކައި ކަމެއް ރަނގަޅު ކުރަން މައްސަލަތައް ދެނެގަނެވޭނީ، އެހެންވެ އެ ބޭފުޅުންގެ ވިސްނުމަށް ހަމަ އަޅުގަނޑު މަރުހަބާއޭ ދަންނަވާނީ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް ރައީސް ސޯލިހު ދާން ބޭނުންވާ އުސްމިންތައް ހާސިލު ކުރުމަށްޓަކައި ކުރެވޭނެ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އިދާރާއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަމާއެކު ބޮޑަށް ފޯކަސް ކުރައްވަނީ ބޭރުގެ އެހީތަކަށް ކަމަށާއި ނަމަވެސް މަސައްކަތްކޮށްގެން ވީހާވެސް ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް އައިޝާ ވިދާޅުވި އެވެ.