ހަބަރު

ގާސިމް އާއި ރިފްއަތުވެސް ޖޭއެސްސީ މެންބަރުކަމުގެ ހުވާކޮށްފި

ޖުޑީޝަލް ސީވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައްޔަން ކުރެއްވި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސަވިސް ކޮމިޝަނަށް ގާސިމް އައްޔަން ކުރައްވާފައިވަނީ ނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އަދި ބަންޑާރަނައިބު އިބްރާހީމް ރިފްއަތް އައްޔަން ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ތިން ވަނަ މާއްދާ ދަށުންނެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުން ރުހުންދިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ ހުވާކުރައްވާފަ އެވެ.

ޖޭއެސްސީއަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގައި ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ފާރިސް ޖޭއެސްސީއަށް އައްޔަން ކުރުމަށް ޕީޕީއެމްގެ މެންބަރުން ވެސް ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި މިދިޔަ ހަތަރު އަހަރު ހުންނެވީ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ވަނީ އޭނާ އެ މަގާމުން ދުރުކޮށްފަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސް މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުން އެކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲދީދީގެ ކުރިފުޅުމަތީގަ އެވެ. އެ ތިން ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.