އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު އިންޑިއާގެ ދަތުރުފުޅު ފައްޓަވައިފި

Nov 23, 2018
1

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަވަށްޓެރި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަން އާލާވެގެން ދާނެ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި އުންމީދީ، މަޝްވަރާތައް ކުރެވޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އާ ސަރުކާރާ އެކު އިންޑިއާ-ރާއްޖޭގެ ގުޅުމުގައި އޮތް ނުތަނަވަސްކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭގެ ބަދަލުގައި އިންޑިއާއިން ރާއްޖެއާ މެދު ދެކެނީ އުންމީދީ ނަޒަރަކުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރައްމިއްޔާތަށް ވަޑައިގަތުމަކީ، އެކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.

އިންޑިއާ ދަތުރުފުޅުގައި ޝާހިދު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިގްތިސާދީ ގޮތުން އިންޑިއާޔާ އެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ އިންވެސްޓްމަންޓްތައް ވެސް ރާއްޖެއަށް އިތުރު ކުރުމަށެވެ.