ހަބަރު

"ސްނައިޕަރު" މިނިވަންވެ، ލަންކާ އަށް

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ރޭވުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި ސްރީލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަދޫޝަންކާ މިނިވަންވެ، އޭނާގެ ގައުމަށް އަނބުރާ ގޮސްފި އެވެ.

މަަދުޝަންކާގެ މައްޗައް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާ އޭނާ މިނިވަންކޮށްފައި ވަނީ ލަންކާގެ ލޯކަލް ގަވަމަންޓް އެންޑް ޕްރޮވިޝަނަލް ކައުންސިލް މިނިސްޓާ ފައިޒަރް މުސްތަފާ އޭނާއާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ހަފްލާއަށް ރާއްޖެ ވަޑައިގަތް ލަންކާގެ މިނިސްޓަރެކެވެ.

އެ މައްސަލައާ ގުޅިގެން މަދުޝަންކާ ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އޭނާ ރާއްޖެ ގެނައި ކަމަށް ބުނެ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިން އަދި ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބުގެ މައްޗަށް ވެސް ދައުވާކޮށް ހައްޔަރު ކުރި އެވެ. ނަމަވެސް އެ މީހުން ވެސް މިހާރު ވަނީ މިނިވަންކޮށްފަ އެވެ.

ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.