ވިޔަފާރި

ރާއްޖޭގައި 140 ރިސޯޓް ތަރައްގީ ކުރަމުން އެބަދޭ: ޓޫރިޒަމް މިނިސްޓަރު

ރާއްޖޭގެ 140 ރަށެއް ރިސޯޓު ހެދުމުގެ މަޝްރޫއު މިހާރު ވެސް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި 140 އަށްވުރެ ގިނަ ރަށް ހިމެނޭއިރު، މީގެ ތެރެއިން 54 ރަށެއްގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރަށްތަކުގެ ތެރެ އިން 93 ރަށުގެ މަސައްކަތް ކުރިއަށްދޭ. އަދި ޕްލޭނިން ޑިޕާޓްމަންޓުގެ މައުލޫމާތު ތަކަށް ބަލާއިރު ރައީސް އޮފީހުން ހުއްދަ ދީގެން ގެޒެޓުކޮށް ކުއްޔަށް ނުދީ 13 ރަށް އެބައޮތް. އަދި ހުއްދަ ދިންނަމަވެސް ގެޒެޓު ނުކޮށް
ތިން ރަށެއްވޭ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު އާއްމުކުރި ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާރު 144 ރިސޯޓެއް ހިންގަމުންދާއިރު، 12 ހޮޓަލާއި 508 ގެސްޓްހައުސް ހިންގަ އެވެ. އަދި 148 ސަފާރީ އާއި 308 ޓްރެވަލް ކުންފުނި އަދި 272 ޑައިވް ސްކޫލް
ދަނީ ހިންގަމުންނެ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ތަަރައްގީ ކުރަމުންދާއިރު، ނިމިދިޔަ ސަރުކާރުން ވަނީ 30 އަށްވުރެ ރިސޯޓު ހުޅުވާފަ އެވެ. އަދި މިއާއެކު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ވަނީ 42،000 އަށްވުރެ މަތިވެފަ އެވެ.