ރަށަށް ފައިބަން އައިއިރު ކިޔޫ ހަދާލާފައި އޮތީ އާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މަރުހަބާ ކިޔަން އެއްވެ ތިބި މީހުންނެވެ. އެ މީހުންގެ އެ ތިބީ މި ރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ޝަކުވާ މި މިނިސްޓަރު އަޑު އައްސަވާނެކަމުގެ ފޮނި އުންމީދުގަ އެވެ. ދުނިޔޭގެ "ބަޖެޓް ޓްރެވަލާސް" ގެ އެންމެ ފޭވަރިޓް އެއް މަންޒިލަކީމި އެވެ. ސަބަބަކީ މިރަށަކީ މީހުން ދިރިއުޅޭ ރަށެއްނަމަވެސް ވިޔަފާރީގެ ގޮތުން އެންމެ ތަނަވަސް އެއް ރަށަށްވުމެވެ. ނަމަވެސް ރަށުގެ އާއްމު ހާލަތު އޮތީ ވަރަށް ދަށު ދަރަޖާ ގައޭ ބުނެވިދާނެ އެވެ. ސަބަބަކީ މި ރަށަށް ސަރުކާރުން ދޭންޖެހޭ ހިދުމަތް ދިނުމުގައި އިހުމާލުވެފައިވުމެވެ. އެހެންވެ، އާ މިނިސްޓަރާ ސަލާން ކުރުމަށް ފަހު ގިނަ މީހުން ބަންޑުން ކުރީ އެ މީހުންގެ ޝަކުވާ އެވެ.
"މިއީ ރާއްޖޭގެ އެންމެ މުއްސަނދި ރަށް. ދެން ބަލާ މި ރަށުގެ މަގުތައް،" އާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މަރުހަބާ ކިޔަން ގޮސްހުރި މާފުށީ ރައްޔިތަކު އަތުގެ އިޝާރާތުން މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތައް ދައްކާލި އެވެ.
ޓޫރިޒަމްގެ ސަބަބުން މި ރަށުގެ މީހުންގެ އަތްމަތި ތިޔާގިވެގެން ދިޔައިރު މި ރަށުގައި މިހާރު 20 އަށް ވުރެ ގެސްޓްހައުސް ހިންގަމުންދެ އެވެ. އަދި ޓޫރިސްޓު އެނދުގެ އަދަދު 1500 އާ ކައިރިވެއްޖެ އެވެ. މި ރަށުގައި ގެސްޓްހައުސް ޓޫރިޒަމް ތަރައްގީވަމުންދާ ގޮތުން ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ރަށުގެ މަލަމަތިން މުޅިން ހެން ފެންނާނީ އުސް އިމާރާތް ތަކެވެ. އެހެންވެ މިހާރު މިއީ ގެސްޓްހައުސް އައިލެންޑް ކިއުމަށް ވުރެ ރަނގަޅު ވާނީ ސިޓީ ހޮޓާ އައިލެންޑް ކިއުމެވެ. މިކުރިއެރުން އައިނަމަވެސް ރަށުގެ ބޮޑެތި ވިޔަފާރިތަކުން ޖަމާވާ ކުރި ނައްތައިލެވޭނެ ރަނގަޅު ނިޒާމެއް މި ރަށަކު ނެތެވެ. އެހެންވެ ޓޫރިޒަމް މިނިސްޓަރު މި ރަށަށް ވަޑައިގަތުމާއެކު މި ޝަކުވާ ކުރި އެވެ.
ރަށުގެ މައްސަލަތަކުގެ ޝަކުވާ އެންމެ ބޮޑަށް މިނިސްޓަރުގެ އަރިހުގައި ކުރަމުން ދިޔަ އެއް ބޭފުޅަކީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދާއި ކައުންސިލްގެ މެންބަރުންނެވެ.
"ކުނި ނައްތާލުމުގެ މަސައްކަތް މިހާރު މި ކުރަނީ ކައުންސިލުން. ކުނި އަންދަން މި ޖެހެނީ. މީގެ ސަބަބުން ބޮޑެތި ދަތި ތަކެއް ރަށަށް އަންނަ ޓޫރިސްޓުންނަށް ވެސް ފޯރާ. ދުމުގެ އަސަރު އެހާ ބޮޑު،" ކައުސިލްގެ ރައީސްގެ އެއް ޝަކުވާއަކީ މި އެވެ.
މާފުށީގެ ކުނީގެ މައްސަލަ "ހައްދުން ނެޓި" ގެންދިޔައިރު ނިމިދިޔަ ސަރުކާރަށް އެތަށް ފަހަރަކު އެކަން ހައްލު ކޮށްދޭން އެދުނު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކުން ވެސް އެ މައްސަލަ ހައްލުކޮށްދޭން ޕްރޮޕޯސަލް ސަރުކާރަށް ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އެކަންވާ ގޮތެއް ނުވި އެވެ. އެ ސަރުކާރު ވެރިކަމުން ދިޔައީ އެވެ.
އެހެންވެ، ގެސްޓްހައުސް ވެރިންނާއެކު ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ވެސް ގިނަ ޝަކުވާތަކެއް ވަނީ ކޮށްފަ އެވެ.
ގެސްޓްހައުސް ވެރިންގެ މި ޝަކުވާތައް އަޑު އައްސަވައި ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ މި ވަގުތަށް ހައްލު ކޮށްދެވެން ހުރި ކަމެއް ހައްލު ކޮށްދެއްވާނެ ކަމަށެވެ. އަދި މިނިސްޓަރު އަލީ ހުންނަވާނީ މުޅި އިންޑަސްޓްރީ އަށް މަގު ފަހިކޮށްދެވާނެ ވަޒީރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"ޓޫރިޒަމް ސިނާއަތުގެ އެންމެ ޕައިނިއަ އިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އިން ފެށިގެން ގެސްޓްހައުސް އާއި ހުރިހާ ދާއިރާ ތަކަށް ކަންކަން ފެސިލިޓޭޓް ކޮށްދެއްވާ ވެރިއެއްގެ ގޮތުގައި އަޅުގަނޑުވާނީ،" އަލީ ވިދާޅުވި އެވެ.
ކޮންމެއަކަސް އާ މިނިސްޓަރު މާފުއްޓަށް ކުރެއްވި މި ދަތުރުފުޅާއެކު އެ ރަށުގެ ޓޫރިޒަމަށް ހިނިތުންވުން އަންނާނެ ކަމަށް އެ މީހުން އުންމީދު ކުރެ އެވެ. އެކަމަށް އުންމީދުކުރާ އެއް ސަބަބަކީ މިނިސްޓަރު އަލީ މިރަށަށް ދެއްވި ޔަގީންކަމެވެ.