ހަބަރު

ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީ ގައުމީ މަޖިލީހުން ތާއިދު ކުރޭ

އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީއިން ވާދަކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއިދު އޮތްކަން ހާމަކޮށްފި އެވެ. އަންނަ މަޖިލީހަށް 87 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީސްގައި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. ޖަލްސާ ލީޑް ކުރެއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން "އަަވަސް"އަށް މައުލޫމާތު ދެއްވި ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި، ކޯލިޝަންގެ ތެރެއިން ދާއިރާތައް ބަހާނެ ގޮތާމެދު ގޮތްތަކެއް ނިންމުން ލަސްވެފައިވާތީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ނުކުންނަން ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ވިސްނުން އެއްގޮތް ކަމަށެވެ.

ސަތޭކައަށްވުރެ ގިނަ މެންބަރުން ތިބޭ ގައުމީ މަޖިލީހުގައި އެކަމަށް އެންމެ މެންބަރަކު ނޫނީ ތާއިދުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަންގެ ތެރެއިން ގޮނޑިތަކާމެދު ގޮތެއް ނުނިމި ލަސްވާތީ ކަންބޮޑުވުންތައް އެބަހުރި، ޕްރައިމަރީތައް ބާއްވަން ޖެހޭ، އެކަމަށް ވަގުތު ވެސް ބޭނުންވޭ، ކެމްޕެއިން ވެސް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނަކީ އަންނަ މަޖިލީހަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މެންބަރުންނެވެ. ބައެއް މެންބަރުން ގެންދަވަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ. ނަމަވެސް އެ ދާއިރާތައް އެމްޑީޕީއަށް ކޯލިޝަންގެ ތެރެއިން ލިބޭނެ ކަމެއް ޔަގީނެއް ނުވެ އެވެ. ޔަގީން ކަމެއް ނެތި ކެމްޕެއިން ވެސް ކުރަން ޖެހިފައިވުމަކީ އެ މެންބަރުން ކަންބޮޑުވާ ކަމެކެވެ.

ގައުމީ މަޖިލިސް މެންބަރު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމުގެ ވިސްނުން މެންބަރުން ގެންގުޅޭއިރު އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ގައުމީ މަޖިލީހުގައި ނިންމާފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށް ދާނެ ގޮތުގެ ގައިޑްލައިންއެއް ވަނީ އެކުލަވާލާފަ އެވެ.

ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ދާއިރާތަކަށް ކުރިމަތިލުމަކީ ކޯލިޝަން ރޫޅެންޖެހޭ ނުވަތަ ކޯލިޝަންގެ ރޫހާ ހިލާފު ކަމެއް ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުން ނުދެކެ އެވެ. އެހެން ޕާޓީތަކުން ވެސް އެ ޕާޓީއަކުން ވަރުގަދަ ދާއިރާތަކަށް ކުރިމަތިލައިގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ މެންބަރުން ދެކެ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަން ކުރާނެ ގޮތް ބުނެފައިނުވާ ކަމަށްވެ އެވެ. ނަމަވެސް އެ އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތާމެދު މަޝްވަރާތައް ކޮށްފައިވެ އެވެ. ޕާޓީތަކުން ހިޔާލުތައް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.

މީގެކުރިން ރައީސް ނަޝީދު ވެސް ވަނީ ކޯލިޝަންގެ މެދުގައި އެކަމަށް ގޮތްތަކެއް ނުނިމި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި މީޑިއާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮނޑިތައް ބަހާނެ ގޮތާމެދު ވީއެންމެ އަވަހަކަށް ކޮމެޓީގައި މަޝްވަރާކޮށް ގޮތްތައް ނިންމަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ހުންނެވީ އެ ދުވަހުން އެ ދުވަހަށް ވެސް އެކަމުގައި ގޮތް ނިންމަވަން ތައްޔާރަށެވެ.

އޭގެފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެންބަރުންނަށް އެއްވެސް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ކޯލިޝަނުން ނިންމާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވުމުން ވެސް ފާޅުގައި އެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ނުރުހުން ފާޅުކުރައްވާފައިވެ އެވެ. އެ 12 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަކީ އެމްޑީޕީއިން ވަރަށް ބޮޑަށް ކެމްޕެއިން ކުރާ ދާއިރާތަކެވެ. ރައީސް ނަޝީދު ވެސް ވަނީ ޕްރައިމަރީއާ ނުލާ ޓިކެޓް ދޭން ވިސްނުމަށް ތާއިދު ނުކުރައްވާކަން ހާމަ ކުރައްވާފަ އެވެ.

އެގޮތުން އެނގިފައިވާ ގޮތުގައި އެމްޑީޕީއިން ވަނީ އެ 12 މެންބަރުން ވެސް ޕާޓީއަކާ ގުޅިއްޖެނަމަ، އެ ޕާޓީއަކަށް އެ ދާއިރާއެއް ދިނުމަށް ކޮމެޓީއަށް ހުށަހަޅާފަ އެވެ. އޭރަށް ޕާޓީގެ ތެރެއިން ޕްރައިމަރީއެއް ބާއްވައިގެން ނުވަތަ ނުބާއްވާ ވެސް އެ މެންބަރުންނަށް ޓިކެޓް ދޭ ގޮތަށެވެ. ނަމަވެސް އެކަމަށް ވެސް އަދި ކޮމެޓީގައި ގޮތެއް ނިންމިފައިނުވާ ކަމަށްވެ އެވެ.