ހަބަރު

ހުރާގައި ކުއްޖަކާ ބެހުނު މައްސަލައެއް؛ ތުހުމަތުވާ މީހާ ހައްޔަރެއް ނުކުރޭ

Nov 24, 2018
10

މިމަހު 16 ވަނަ ދުވަހު ކ. ހުރާގައި ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއް އާއިލާާއިން ފެންމަތިކޮށްފި އެވެ. ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެކަމަށް ހަފްތާއެއްވީ އިރުވެސް ތުހުމަތުވާ މީހާ ހައްޔަރެއް ނުކުރެ އެވެ.

އެކަމާ ގުޅިިގެން "އަވަސް" އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލީ ގާތް މީހަކު ބުނީ، މި މަހުގެ 16 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އަންހެން ކުއްޖާއާ ބެހިފައިވަނީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ. އެ ކުއްޖާއަކީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށާއި ކިވަމުންދަނީ ގްރޭޑް ހައެއްގައި ކަމަށެވެ.

"ސްނޯކްލިންނަށް ގޮސް އުޅެނިކޮށް އެ ކުއްޖާއާ ބެހުނީ، ދެން އޭނަ މަންމަ ކައިރީ ބުނަން ނުކެރިގެން ފުރަތަމަ ބުނީ، އޭނަގެ ތިން ރައްޓެހިން ކައިރީ، އެ ކުދިން ކައިރީ ބުނުމުން އެ ކުދިން ވަނީ އެ ވާހަކަ ލަސްނުކޮށް މަންމަމެން ކައިރީ ބުނަން އެދިފަ، ފަހުން އެ ތިން ކުދިންނާއެކު އައިސް އެ ކުއްޖާ މަންމަ ކައިރީ ހުރިހާ ވާހަކައެއް ކިޔާދިނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި އޭގެ ދެ ދުވަސް ފަހުން ޕޮލިހުން އައިސް އެ މައްސަލައިގެ ރިޕޯޓް ނެގި ކަމަށެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ރިޕޯޓް ލިބުމުން ނޫނީ އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން ބުނީ، އެކަމަށް މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެމީހާ އަދިވެސް ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުއްޖާ ވަނީ ވަރަށް ބޮޑަށް ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.

"ހިންމަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ޕޮލިހުން އައިސް ރިޕޯޓް ނެގީ، މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ، ކަންތައް ކުރި މީހާ ރަށުގައި އެނބުރެނީ، ހައްލެއް ނާދެ، ކުއްޖާ ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި، ކުރީގައިވެސް ފުލުހުން އައިސް އެހުރިހާ ކަމަކަށް ނުއެއް ބަލާ، މިކަހަލަ މައްސަލައެއް ހުށަހެޅުމުން އެކަން ކުރި މީހާ ވަގުތުން ހައްޔަރު ކުރޭ، މިފަހަރު ތަފާތު މިވަނީ ކީއްވެކަމެއް ނޭނގެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މި މައްސަލާގައި ޖެންޑާގެ ފަރާތުން ވެސް އައިސް ބަޔާން ނެގި ކަމަށެވެ. އަދި މާލެ ދިއުމަށްފަހު ކުއްޖާ ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ ރިޕޯޓް ވެސް ޖެންޑާއަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި މިއީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ޖެންޑާ މިނިސްޓްރީން ވެސް ބުނީ، އެ ފަރާތުން އެމީހާ ހައްޔަރު ނުކުރެވޭނެ ކަމަށް، އެއީ ފުލުހުންގެ ޒިންމާއަކަށްވާތީ ކަމަށް، އެމީހާ އާންމުންގެ ތެރޭގައި ހަމަ އުޅެނީ، ކުއްޖާ ނުކައި ނުބޮއެ، ރަނގަޅަށް ނުނިދަ އުޅެނީ، ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި، އަވަހަށް ފިޔަވަޅު އަޅާ ދިނުމަށް އަޅުގަނޑުމެން އެދެނީ،" އާއިލާއިން ބުންޏެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން ގެންދާ ކަމަށެވެ. މައްސަލަ ކުރިއަށްދާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ޖެންޑާއިން ބުންޏެވެ. މިކަމާ ގުޅުގެން ފުލުހުންގެ ބަހެއް ނުލިބުނެވެ.