ވިޔަފާރި

އުރީދޫންއިން 5ޖީ، 1.8 ޖީބީޕީއެސްގެ ދުވެލީގައި ދައްކާލައިފި

Nov 24, 2018

އެއް ދުވަހުން އަނެއް ދުވަހަށް ޑިޖިޓަލް ދާއިރާ އިން ކުރިއަރަމުންދާ ދިވެހިރާއްޖޭގައި، އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ އުސްމިންތަކަށް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އުރީދޫ 5ޖީ ގެ ކުޅަދާނަކަން، ދައްކާލައިފި އެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީބީޕީއެސްގެ ހަލުވި ސްޕީޑު އިއްޔެ ހުޅުމާލޭގައި އުރީދޫން ބޭއްވި ކަލަ ރަންގަ އެވެ. މި ދުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކޮމިއުނިކޭޝަން އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާާޒް އިސްމައިލް އާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް އަދި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ހޮނަރަބަލް ޒަހާ ވަހީދު އާއި މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވެސް ބައިވެރި ވަޑައިގަތެވެ.

އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައިވެސް، އުރީދޫ އިން ބޮޑެތި ނެޓްވާކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތަށް އިތުރަށް ފުރިހަމަކޮށް، 5ޖީ ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ކުރީގައި ވާސިލްވެ ތިބުމަށްޓަކައެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ، ޝޭޚް ސައުދު ބިން ނާސިރް އަލް ޘާނީ ވިދާޅުވީ ދުނިޔޭގައި، ފަސޭހަކަމާއި އެކު ފޯންކޯލެއް ކޮށްލައިގެން ނުވަތަ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާއި ގުޅުން ބޭއްވުމަށްވެސް، ބަރޯސާވާންޖެހެނީ ވަޔަލެސް ޑިވައިސް އަކަށް ކަމަށެވެ.

"އުރީދޫ ނެޓްވަރކުގެ އެހީގައި ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަކުގެ ފެންވަރު އަޅުގަނޑުމެން ދަނީ ގާތުން ބަލަމުން. އަދި މި މައުލޫމާތުގެ އަލީގައި ނެޓްވަރކް އަށް ގެންނަންޖެހޭ ތަފާތު ކުރިއެރުންތަށް ގެނެސް، އެންމެ ފުރިހަމަ އަދި ހަލުވި ސްޕީޑުގެ ކަނެކްޝަން އެއް ފޯރުކޮށްދީ، ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަށް އިތުރަށް ރަގަޅު ކުރުމަށްޓަކައި އަބަދުވެސް އަޅުގަނޑުމެން ދަނީ ގަދައަޅާ މަސައްކަތް ކުރަމުން،" ސައުދު ވިދާޅުވި އެވެ.

އުރީދޫ 5ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ އިސްދައުރެއް އަދާ ކުރަމުންނެވެ. މިގޮތުން، އިންސާނީ ތަރައްގީ މަގު ފަހިކޮށްދޭނެ، އަދި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައިއޯޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްދޭނެ ފަދަ މުހިންމު ނެޓްވަރކް އަޕްގްރޭޑްތަކެއް ގެނައުން، އުރީދޫގެ މި މަސައްކަތުގައި ހިމެނެ އެވެ. މި ކުރިއެރުމާއި އެކު، 5 ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވާ ކުރުން ފަދަ އީޖާދީ ހިދުމަތްތަށް ކައިރި މުސްތަޤްބަލެއްގައި ފެނިގެން ދާނެ އެވެ.

އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ މުޅި ދުނިޔޭގައިވެސް ފުރަތަމަ 5ޖީ ނެޓްވަރކެއް ލައިވް ކޮށްފައިވަނީ، ގަތަރުގައި، އުރީދޫ އިން ކަމަށެވެ. މިކަން ވެގެންދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށްވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް.

"މިކަން ވެގެންދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށްވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް،" ނަޖީބު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށްދީފަ އެވެ. 5ޖީ ނެޓްވަރކަކަށް ތައްޔާރީތަށް ވަމުންދާއިރު، އުރީދޫ މޯލޑިވްސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދާއި، މުޅި އުރީދޫ ގްރޫޕުންވެސް ފުރަތަމަ މި ލައިސަންސް ލިބުން ކުންފުންޏަށް ވެފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނެޓްވަރކް ގާއިމް ކުރުމާއި އެކު، ވަޒީފާ، ތައުލީމް، ސިއްހީ އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތަށް ކޮންމެ ތަނަކު ހުރެގެންވެސް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ އުރީދޫ އިން ދަނީ، ޓެކްނޮލޮޖީ ދާއިރާ އިން ގިނަގުނަ ކުރިއެރުންތަށް ހޯދަމުންނެވެ. މީގެ ތެރޭގައި، ދުނިޔޭގެ ފެންވަރުގައި އެކީ ކާމިޔާބީތަކާއި، އައު އުސްމިންތަށް ވެސް ހިމެނެ އެވެ. މިގޮތުން، ރާއްޖޭގައި ވެސް އުރީދޫ އަބަދު ވެސް މަސައްކަތް ކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މުއާސަލާތީ ހިދުމަތްތަށް ދަމަހައްޓައިގެން، ދިވެހި ރައްޔިތުންނާއި، މުޅި ގައުމަށް ވެސް އައު ކުރި އެރުންތަށް ގެނެސްދިނުމަށެވެ.