ހަބަރު

ފިނިފެންމާ މައްސަލާގައި އަދީބަށްކުރި ހުކުމުގެ އިސްތިއުނާފް މާދަމާ ފަށަނީ

ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފެށުމަށް ހައި ކޯޓްގައި ތައާވަލްކޮށްފި އެވެ.

އެމައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް އަދީބުގެ ފަރާތުން ހުށަހެޅީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެވެ. އަދި ހައި ކޯޓުން އެމައްސަލަ ބަލައިގެންފައިވަނީ އެއަހަރުގެ ނޮވެމްބަރު މަހު އެވެ. ގާތްގަނޑަކަށް ދެ އަހަރަށްފަހު މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފެށުމަށް މިވަނީ ތައާވަލް ކޮށްފަ އެވެ. އަޑުއެހުން ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރީ ޓެރަޒިޒަމް ގާނޫނުގެ ދެ ވަނަ މާއްދާގެ އަކުރު (ހ) އާއި (ރ) އާއި (ބ) އާއި (ކ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ އަކުރު (ށ) ގެ ދަށުންނެވެ. ފަނަރަ އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލާގައި އަދީބު އެދިގެން ލޯންޗެއްގައި ގޮއްވާލުމަށް ދެ އައިއީޑީ އެއް ތައްޔާރުކޮށްދިން ކަމަށް ބުނެ އެތަކެތި ހެދި ސިފައިންގެ މީހާ ޝަރީއަތުގެ މަޖިލީހުގައި ވަނީ ހެކި ބަސް ދީފަ އެވެ.

އަދީބުގެ ދެ ބޮޑީގާޑުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ރިޔާސީ ލޯންޗުކޮޅުގައި އަދީބުއާއެކު އާރަށަށް ގޮސް، އެ ލޯންޗުކޮޅުގައި އައިއީޑީއެއް ހަރުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.

މީގެ އިތުރުން އަދީބަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ފިސްތޯލައެއް ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އެދެމައްސަލައިގެ ހުކުމްވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.