ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހަތް ދައުވާއަށް އަދީބު އިއުތިރާފްވެއްޖެ

ދައުލަތުން އުފުލާފައިވަ ހިޔާނާތުގެ ހަތް ދައުވާ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު މިއަދު އިއުތިރާފްވެއްޖެ އެވެ.

ހަތް ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު އަލުން ފަށާފައި މި ވަނީ، އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ބުނެ ހައިކޯޓުން އަދީބުގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު ހަތް ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓްގެ މައްޗަށް އަމުރުކުރުމުންނެވެ.

މިމައްސަލަތަކާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތް ދައުވާ އިއްވުމަށްފަހު އަދީބަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ މި ހަތް ދައުވާއަށްވެސް އިއުތިރާފްވާ ކަމަށެވެ. މި މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

އަދީބު ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ. މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާ އެ ހިޔާނާތުގެ ބައެއް ވާހަކަ ތަކަކީ އޭނާ ހާމަ ނުކޮށްފިނަމަ ނޭނގޭނެ ވާހަކަތައް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އުފުލާފައިވަ ދައުވާތަކާއި ގުޅިގެން ސަރުކާރަށް އެއްބާރުލުން ދޭން ނިންމީ ކުރީ ސަރުކާރުން މައްސަލަ ބެލުމުގައި އިހުލާސްތެރިކަމެއް ނުދެއްކުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން އަމާޒު ހުރީ އޭނާއާ ހިސާބުން މައްސަލަ ނިންމާލުމަށް ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުން މި މައްސަލަ ބެލުމުގައި އިހްލާސްތެރިކަން ގެންގުޅޭ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުން އެދޭ ކޮންމެ އެހީތެރިކަމެއް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަދީބުގެ ޝަރީއަތްގެ އަޑުއެހުން
އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނަ މިއަދު ވަނީ އިއުތިރާފުވެފައެވެ. އަދި މަގާމުގައި ހުންނެވިއިރު ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެ ކަންކަމަށް ދައުލަތާއި ރައްޔިތުންގެ ކިބައިންވެސް މައާފަށް އެދިވަޑައިގެންނެވި އެވެ. އަދީބު އެދިވަޑައިގެންނެވީ މައްސަލަ ވީހާވެސް އަވަހަށް ނިންމައި ދިނުމަށެވެ. އެހެން ކަމުން މި މައްސަލަ އަވަސް ނިޔާއިން ނިންމުމަށް ގާޒީ ނިންމެވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފެށުންވެސް އަދީބު ވިދާޅުވެ ދެއްވިއެވެ. އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމިންގެ ވިސްނުން ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށާއި އެކަމަށް އިރުޝާދު ދެއްވީ ރައީސް ޔާމީން ކަމަށްވެސް އަދީބު މިއަދު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެ އެންގުންތަކާއި އެއްގޮތަށް ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ ދައުލަތަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވަނީ ހަމަ ބުއްދި ސަލާމަތުންހުރެ އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. ދައުލަތަށް އޭނާ އެއްބާރުލުން ދެނީ މި މައްސަލައަކީ ސާފުވާން ޖެހޭ މައްސަލަތަކަކަށްވަތީ އާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދީބު އެހެން ވިދާޅުވުމުން ދައުލަތާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ޝަރީއަތުގެ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ގެއްލިފައިވަނީ ރައްޔިތުންގެ ފައިސާ ކަމަށްވާތީ އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަތް ދައުވާއަށް ވެސް ޖަލު ހުކުމްގެ އަދަބު ކަނޑައަޅާފައިވާއިރު އިއުތިރާފުވުމުން ކުށުގެ އަދަބުގެ ދަރަޖަ ލުއިވާނެ އެވެ. ދައުލަތުން މިއަދު ވަނީ އަދަބު އެންމެ ދަށްވާނެ އަދަދުތައް ވެސް ހާމަކޮށްފަ އެވެ. އަދީބު ވަނީ އެއަށްވުރެ ވެސް އަދަބު ލުއި ކުރެވެން އޮތްނަމަ އެކަމަށް ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

މިއަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ބާވަތުން ހައިކޯޓުން އަދީބުގެ ބަންދަށް ޖެހި 15 ދުވަސް އެގޮތަށް ދަމަހައްޓާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އަވަސް ނިޔާއިން މައްސަލަ ނިންމުމަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލަނީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުމާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްވެސް ކުރިއެވެެ. ނަމަވެސް އެ މުއްދަތު ހަމަވެ ގާޒީ އިސްމާއީލް ވަނީ މަސައްކަތަށް ނިކުމެވަޑައިގެންފައެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާގެ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަންކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގައި ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި ދެން އަދީބުގެ މައްޗަށް ހުރި ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.