ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ. އެ ދައުވާތަކަށް އަދީބު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.
މި ދައުވާތަކާއި ގުޅިގެން އަދީބު ވަނީ ތަހުގީގަށް އެއްބާރުލުންދޭން ނިންމައި ދައުލަތާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގައި އަދީބު ވަނީ އޭނާ އަށް ދެވޭނެ އެންމެ ލުއި އަދަބުތައް ދައުލަތުން ފާހަގަކުރުމުން އެކަންކަމަށްވެސް އެއްބަސްވެފަ އެވެ.
އަދީބުގެ ފަރާތުން އެއްބަސްވެފައިވާ އަދަބުގެ ތަފްސީލު މިއަދު ހެނދުނު ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް އޭނާ އާއެކު ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
މި ދައުވާތަކަށް އަދީބު އެއްބަސްވުމުންނާއި އަދީބާއި ދައުލަތުގެ ފަރާތުންވެސް މި މައްސަލަތަކަށް އަވަސް ނިއާއެއް ކަނޑައެޅުމަށް ބޭނުންވުމުން ގާޒީވަނީ މިއަދު މި ހަތް ދައުވާއަށްވެސް ހުކުމް ކުރައްވާފަ އެވެ. އެގޮތުން އަދީބު 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ގާޒީ ވަނީ ހުކުމްކޮށްފަ އެވެ.
އަދީބަށް އިއްވާފައިވާ ޖަލު ހުކުމްތައް:
- މަނީލޯންޑްރިންގެ ދެ ދައުވާ ސާބިތުވެ 11 އަހަރާއި 10 މަހާއި 42 ދުވަހަށް ޖަލަށްލުމަށް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދި ކަމުގެ ދެ ދައުވާ ސާބިތުވެ ހަތް މަހަށް ޖަލަށްލުމަށް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ސާބިތުވެ ތިން މަހަށް ޖަލަށްލުމަށް
- ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ ސާބިތުވެ ހަތް އަހަރާއި އެއްމަހާއި 42 ދުވަހަށް ޖަލަށްލުމަށް
މަނީލޯންޑްރިންގެ ދެ ދައުވާ ސާބިތުވެ އަދީބު ވަނީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފަ އެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން އެއްމަސްދުވަސްތެރޭގައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަދީބުގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައި ހިޔާނާތުގެ ދެ ދައުވާ އަކީ އޭނާ ނައިބު ރައީސްގެ މަގާމުގައި ހުރި އިރުގައްޔާއި ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އޭނާ އެންގެވުމުގެ މަތިން އެކި އެކި އެކައުންޓްތަކަށް ޖަމާކޮށް އެއަށް ހިޔާނާތްތެރިވެފައިވާތީ އެވެ. އަދި ބިޑް ކުރުމެއްނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރި މައްސަލާގައި އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާވެސް ކޮށްފަ އެވެ.
ސިއްހީ ސަބަބުތަކަށްޓަކާ އަދީބު ވަނީ ގެއަށް ބަދަލު ކޮށްފަ އެވެ. މިއަދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާގެ މޯބައިލް ފޯނާއި ޗެޓުލޮގުތަކާއި އެނޫންވެސް މި މައްސަލައާޢި ގުޅުންހުރި ސާމާނުތައް ދައުލަތާއި ހަވާލު ކޮށްފައިވާ ކަމަށް ވިދާލުވެފަ އެވެ. އަދި މި ހިޔާނާތުގައި މަނފާވި މީހުންގެ ނަންތައްވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.