ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއެއް ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފް މައްސަލަ ކުރިއަށް ގެންދިޔުމަށް، ޖަލުގައި ވަކީލަކާއި ބައްދަލު ނުކުރެވޭތީ، ވަކީލަކު ހަމަޖެއްސިފައި ނުވުމުން ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލު ކުރި ހުކުމްގެ ހައިކޯޓްގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އިސްތިއުނާފް މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ކުރިން އޭނާގެ ވަކީލަކަށް ހުންނެވި މަހްފޫޒް ސައީދު ހައި ކޯޓުގައި އޭނާ ތަމްސީލު ކުރެއްވީ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް އެކަނި ކަމަށާއި އެހެންވެ، މައްސަލައިން އޭނާ މިހާރު ވަކިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަށް ވަކީލަކު ހަމަޖައްސަން ބޭނުން ވަނީ ވަކީލަކާއެކު ޖަލުގައި ބައްދަލުވެ، ވާހަކަ ދެއްކުމަށް ފަހު ކަމަށް ވިޔަސް، މިހާރު ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވެނީ ކޯޓުން އަންގާ ހާލަތްތަކުގައި އެކަނި ކަމަށެވެ.
ކޮވިޑް-19 އިގެ ސަބަބުން ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ހާއްސަ އުސޫލެއްގެ ދަށުން މެނުވީ ވަކީލުންނާއި ބައްދަލު ނުވެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށާއި އެހެންވެ ވަކީލަކާއި ބައްދަލު ކުރާނެ ފުރުސަތު ދީފައިނުވާ ކަމަށާއި ވަކީލާއެކު މި މައްސަލާގައި މަޝްވަރާ ކުރާނެ ފުރުސަތެއް ނުލިބޭ ކަމަށެވެ.
އަދީބު ވިދާޅުވީ ވަކީލަކާއި ބައްދަލު ކުރުމަށް ފުރުސަތު ލިބެނީ ފޯނުގެ ޒަރިއްޔާއިން ކަމަށާއި އެހެން ކަމުން، މައްސަލައާޢި ގުޅޭ ގޮތުން ވަކީލާއި ދައްކަން ޖެހޭ އަމިއްލަ ވާހަކަތައް ދެއްކުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެހެން މީހުންނަށް ދައްކާ ވާހަކަތައް އަޑު ނީވޭފަދަ ގޮތަކަށް މިނިވަން ކަމާއެކު ވަކީލަކާއި ބައްދަލު ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވސިް އިން ހާއްސަ އުސޫލުތަކެއް ކަނޑަ އަޅާފައިވާ ކަމަށެވެ. އެގޮތުން ޖަލުގައި ވަކީލުންނާއި ބައްދަލު ނުކުރެވޭ ގޮތަށް މި އުސޫލުގައި ހާމަކޮށްފައިވީ ނަމަވެސް ބައެއް ހާއްސަ މައްސަލަތަކުގައި ކޯޓުން އެންގުމުން އެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތުގައި ވަކީލުންނާއި ބައްދަލު ނުކުރެވޭ ކަމަށް ވިދާލުވުމުން ކޯޓުން ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖއްސައިދިނުމަށް އެދުމުން އެ ފުރުސަތު ވަކީލުންނަށް ދީފައިވާ ކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އަދީބަށް އެފުރުސަތު ދިނުމަށް ދައުލަތުގެ ފަރާތުން ކަރެކްޝަނަލް ސާވިސް އާއި މަޝްވަރާ ކުރާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުން މިހެން ހާމަކުރުމަން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ވަކި ކޮޓަރިއެއްގައި ދައުވާ ލިބޭ ފަރާތާއި ވަކީލާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގައި ވަކި މައްސަލައަކަށް ނުބަލައި ހުރިހާ މައްސަލަތަކުގައިވެސް މިގޮތަށް ބާރު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވަކީލަކު އައްޔަން ކުރުމަށް ކިހާ މުއްދަތެއް ނަގާނެތޯ ފަނޑިޔާރު މުހައްމަދު ނިޔާޒް، ސުވާލު ކުރެއްވުމުން، އަދީބު ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
މި މުއްދަތަކީ ދިގު މުއްދަތެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވުމުން އަދީބު ވިދާޅުވީ މައްސަލަ އަކީ ބޮޑު މައްސަލައަށްވެފައި ބައިވަރު ކަންކަން ބަލަންޖެހޭ ކަމަކަށްވުމާއެކު ކޮވިޑްގެ މިހާލަތުގައި ޖަލުގައި އަމަލު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން މި މުއްދަތަކީ ދިގު މުއްދަތެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަދީބު ވަނީ އޭނާގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން ފާލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އަވަސް ކޮށްދިނުމަށް އެދިފަ އެވެ. މިކަމަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވިދާޅުވީ މި ފަދަ ކަންކަން ކަރެކްޝަނާއި ދައުލަތުން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް އުއްމީދު ކުރއްވާ ކަމަށެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން އަދީބު ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ، އޭނާ ދޫކޮށްލައިފިނަމަ ފިލައިގެން ގޮސްދާނެ ކަމަށް ދެކޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން އެދުމާ ގުޅިގެންނެވެ.
މީގެ ކުރިން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ވަނީ ފިލައިގެން ގޮސްފަ އެވެ. އެފަހަރު ކަނޑުމަތީން އޭނާ ހައްޔަރުކުރީ އެވެ. ފަހުން ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެ އެވެ.