ރިޕޯޓް

މަޖިލިސް އިންތިހާބު: ކޯލިޝަންގައި ގޮތެއް ނުނިމި "ގަޑުބަޑު" ވަނީ!

މަޑުވަރީ، ތިނަދޫ، ވައިކަރަދޫ، މިހެން ގޮސް ކޮންމެ ދާއިރާއަކަށް ބަލާލިޔަސް ފެންނަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ މެންބަރުން ވެސް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ މަންޒަރެވެ. ރައްޔިތުންނަށް ވައުދުތައް ވަމުން ކޮންމެ މީހަކު ވެސް މަޖިލީހަށް ކުރިމަތިލާނެކަން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، ކޯލިޝަންގެ ތެރެއިން އެ އެންމެން ނުކުންނަނީ ކިހިނެއް ހެއްޔެވެ؟

މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އެންމެ ހޫނު ބަހުސަކީ މިއީ އެވެ؛ މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ހަތަރު ޕާޓީ އެކުގައި ނުކުންނާނެ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟ އެކަން ވާނެ ހެއްޔެވެ؟ ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

މިކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ އެމްޑީޕީ އެވެ. އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ތާއިދު ބޮޑު ޕާޓީ އެވެ. ބައެއް ދާއިރާތަކަކީ އެމްޑީޕީއަށް ހިބަވެފައިވާ ދާއިރާތަކެވެ. އެ ޕާޓީގެ ހުރިހާ ގައުމީ މަޖިލީހުގެ މެންބަރުން ވެސް މަޖިލީހަށް ޝައުގުވެރިވެ އެވެ. އޭގެ އިތުރަށް ވެސް އެ ޕާޓީއަކީ މެންބަރު ކަމުގެ ޝައުގުވެރިކަން ގެންގުޅޭ މީހުން ގިނަ ޕާޓީ އެވެ. އެ ޕާޓީ މެންބަރުން ކުރަމުންދާ ކެމްޕެއިންތަކުން އެކަން އެނގެ އެވެ.

"އަހަރެން މި ދަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރަމުން، ޕްރައިމަރީ މި ދާއިރާގައި ބާއްވާނެ ކަމަށް އުއްމީދުކުރަން، މިއީ އެމްޑީޕީގެ ދާއިރާއެއް، ތިން މީހަކު ޕްރައިމަރީގައި ވެސް ވާދަ ކުރާނެ، އެކަމަކު ކޯލިޝަންގެ ތެރެއިން ދާއިރާތައް ބަހާ ނަމަ، މި ދާއިރާ އެހެން ޕާޓީއަކަށް ދިޔުން ގާތް، އެގޮތް އަހަރެން ވެސް އަދި ދާއިރާގެ ގިނަ ރައްޔިތުން ވެސް ނޭދޭ،" މަޖިލީހަށް ވާދަ ކުރާނެކަން އިއުލާންކޮށްފައިވާ އެމްޑީޕީގެ ބޭފުޅަކު ވިދާޅުވި އެވެ.

އެ ޝަކުވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ވެސް އެބަ އޮތެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގައި ނުރަސްމީ ގޮތެއްގައި ނަމަވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވަނީ ގިނަ މެންބަރުން އެއްބަސްވެފަ އެވެ. ކޯލިޝަން މެދުގައި ގޮތެއް ކަނޑައަޅެންދެން ތިބުމުން ވަގުތުތައް ގެއްލިގެން ދާނެތީ އެ ޕާޓީއިން މިހާރު ވަނީ ޓައިމްލައިނެއް ވެސް އެކުލަވާލާފަ އެވެ. އަންނަ ހުކުރު ދުވަހު ވާދަ ކުރާނެ ދާއިރާތައް އެމްޑީޕީއިން އިއުލާންކޮށް ޕްރައިމަރީތަކަށް ތައްޔާރުވާނެ އެވެ. އެއީ
އެމްޑީޕީއިން ކޯލިޝަންގެ ނިންމުމަށް ބަލަން ނުތިބޭނެ ކަމުގެ ރަނގަބީލެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ. އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދާފައިވާ ކޯލިޝަނުން އެއްބަސްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް އެކުގައި ވާދަކުރުމަށެވެ. ދެހާތޭރަވަނަ އަހަރު ޕީޕީއެމްއިން އެހެން ޕާޓީތަކާއެކު އިންތިހާބަށް ނުކުތް ފޯމިއުލާގަ އެވެ. އެފަހަރު ކޯލިޝަނަށް ގިނަ ގޮނޑިތަކެއް ލިބުނުއިރު އެކަނި ވާދަކޮށް އެމްޑީޕީއިން ކާމިޔާބު ކުރި ގޮނޑި ވެސް މަދެއް ނޫނެވެ. މިފަހަރުގެ ވެސް ފޯމިއުލާއަކީ އެއީ އެވެ. މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން ގިނަ ގޮނޑިތަކެއް ދަމައިގަތުމެވެ. ދާއިރާތައް ބަހާލައި، އެއް ދާއިރާއަށް ގިނަ ޕާޓީތަކުން ވާދަކުރުމުގެ ބަދަލުގައި ކޯލިޝަންގެ ކޮންމެ ވެސް އެއް ޕާޓީއަކުން ކެންޑިޑޭޓެއް ނެރުމެވެ.

އެކަމަށް ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި މަޝްވަރާތަކެއް ވެސް ކުރި އެވެ. އެމްޑީޕީއިން ހުށަހެޅުންތަކެއް ވެސް ހުށަހެޅި އެވެ. އެކަމަކު މިހާތަނަށް ގޮތެއް ނުނިމެ އެވެ. މަންޒަރު ފެންނަ ގޮތުން މިކަމުގައި އެއް ގަލަކަށް އެރުން ވަރަށް އުނދަގޫ ވެސް ވާނެ އެވެ.

ހުރަހަކީ ޖޭޕީ؟!

ޕާޓީތަކަށް މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އެއް ގަލަކަށް އަރަން އެންމެ ބޮޑު އުނދަގަލަކަށް ވެފައިވަނީ ޓިކެޓް ހޯދުމަށް ޕާޓީ ބަދަލުކުރުމުގެ މާކެޓް ހުޅުވިފައިވާތީ އެވެ. މިކަމުގައި އެންމެ ކުރީގައި އޮތީ ޖުމްހޫރީ ޕާޓީ އެވެ. ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ޓިކެޓް އޭނާއަށް ދޭނެ ކަމުގެ ޔަގީންކަން އެ ޕާޓީއިން ލިބުމާ ގުޅިގެންނެވެ.

"އެކަން ކިހިނެއް ބަލައިގަންނާނީ، އަހަރެމެން މި ކާމިޔާބު ހޯދަން ހުރިހާ މަސައްކަތެއް ކުރީ، އޭގައި ތެރޭގައި ޖުމްހޫރީ ޕާޓީގެ ވެސް ވަރަށް އިހްލާސްތެރި މެންބަރުން ހިމެނޭ، އެމީހުންނަށް ޓިކެޓް ހައްގު ވެސް ވާނެ، އެކަމަކު އެންމެ ފަހު ދުވަހާ ހަމައަށް ވެސް ރައީސް ޔާމީނަށް ސަނާ ކިޔައި، ކޯލިޝަނަށް ޖެއްސުން ކުރަން ތިބި ބަޔަކަށް ކޯލިޝަންގެ ޓިކެޓް ދީފައި، ހުރިހާ މަސައްކަތެއް ކުރި މީހުން އެއް ފަރާތްކޮށްލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަނަށް އެއް ގަލަކަށް އަރަން އެންމެ އުނދަގު ވާނީ ޖުމްހޫރީ ޕާޓީގެ ސަބަބުންނެވެ. އެހެންވެ މިހާރު ހާލަތު އޮތް ގޮތުން ކޯލިޝަންގެ މެދުގައި ދާއިރާތައް ބެހުމަށްވުރެ، އެންމެ މަސްލަހަތު ބޮޑު ވަނީ ކޮންމެ ޕާޓީއެއް ވެސް ވަކިވަކިން ވާދަ ކުރުމެވެ. ކޯލިޝަން ރޫޅައި ނުލިޔަސް އެކަން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"އަހަރެން ނުދެކެން އެއީ ކޯލިޝަންގެ ރޫހާ ހިލާފު ކަމަކަށް ވާނެ ކަމަށް، ޑިމޮކްރަޓިކްގެ ރީތި އުސޫލުގެ މަތިން ހުރިހާ ޕާޓީތަކަށް ވެސް ވާދަ ކުރެވިދާނެ، އެ ޕާޓީއެއް އެންމެ ވަރުގަދަ ދާއިރާތަކުގައި ގަދައަށް ކެމްޕެއިން ކޮށްގެން ގޮނޑިތައް ނެގޭނެ، ގޮނޑި ކާމިޔާބުކުރަން އެހެން ޕާޓީތަކުގެ މަދަދު ކޮންމެ ހޯދާކަށް ވެސް ނުޖެހޭ،" މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ މެންބަރު ވިދާޅުވި އެވެ.

"އެހެންވިޔަސް ކޯލިޝަން ސަރުކާރު ދެމި އޮންނާނެ، މިއީ ކޯލިޝަން ސަރުކާރެއް، ވަކި ޕާޓީއެއްގެ ސަރުކާރެއް، އެތެރޭގައި ކޯޅެން ވަތުރުތައް ނަގާލުމަށްވުރެ ވަކިން ވާދަކޮށް ކާމިޔާބު ހޯދައިގެން އަނެއްކާވެސް އެކުގައި މަސައްކަތް ކުރަން އައުން މިހާރަށް އެންމެ ރަނގަޅު ވާނީ،"

އެމްއާރްއެމް އާއި އަދާލަތަށް ގެއްލުން؟!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީއިން އިންތިހާބުގައި ވީއެންމެ ގިނަ ގޮނޑިއެއް ކާމިޔާބުކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ އެ ވާހަކަފުޅުން ދާއިރާތައް ބެހުމަށް މާބޮޑަށް ތާއިދު ނުކުރައްވާކަން ހާމަވެ އެވެ. މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ވެސް ރައީސް ނަޝީދު މާ ހިއްޕުޅަކާ ނުވެ އެވެ. އެ 12 ދާއިރާގެ ތެރޭގައި އެމްޑީޕީ ވަރުގަދަ އަދި މިހާރު ވަރަށް ބޮޑަށް ކެމްޕެއިން ކުރަމުންދާ ދާއިރާތައް ވެސް ހިމެނެ އެވެ.

އެމްޑީޕީ ގައުމީ މަޖިލިސް ވެސް ދެކޭ ގޮތުގައި ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހައިފިނަމަ އެމްޑީޕީއަށް ވާނީ ގެއްލުމެވެ. ފައިދާ ކުޑަ އެވެ. އެކަމަކު، ކޯލިޝަންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރައީސް މައުމޫންގެ އެމްއާރްއެމް އާއި އަދާލަތު ޕާޓީއަށް ގެއްލުން ވެދާނެ ކަމަށް ބެލެވެ އެވެ.

"އެންމެފަހުގެ އިންތިހާބުގައި ވެސް އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ލިބުނީ ކޯލިޝަނެއްގެ ތެރެއިން، އެހެން ޕާޓީތަކުގެ އެހީއާއެކު، އެކަނި ވާދަކޮށްގެން މާގިނަ ގޮނޑިތަކެއް މިފަހަރު ވެސް ހޯދިދާނެ ކަމަކަށް ނުބެލެވޭ، ދެން އޮތީ އެމްއާރްއެމް، އެއީ ޕާޓީއަކަށް ނުވާތީ ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް އެ ފަރާތަކަށް ހުންނާނެ،" ކޯލިޝަނަށް ނިސްބަތްވާ މެންބަރަކު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ވިސްނުން ވެސް ހުރީ ކޯލިޝަންގެ ތެރެއިން އިންތިހާބަށް ނުކުންނާށެވެ. އެކަމަށް އެ ޕާޓީއިން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ. އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ، އެ ޕާޓީ މަސައްކަތް ކުރާނީ ކޯލިޝަންގެ ބައިވެރިންނާއި އެކުގައި، ވެވެން އޮތް އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދީގެން ކާމިޔާބު ހޯދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ގާތްގަނޑަކަށް ތިން މަހަށްވެފައިވާއިރު، ވާދަވެރިކަން ފެނިގެން ދަނީ ވެސް ކޯލިޝަންގެ ޕާޓީތަކުގެ މެދުގަ އެވެ. އިދިކޮޅުގައި އޮތް ޕީޕީއެމް އާއި އެމްޑީއޭގެ މާބޮޑު ހަރަކާތްތަކެއް ފެންނަމުން ނުދާއިރު ކޯލިޝަންގައި އަވަހަށް ގޮތްތަކެއް ނިމި، ވަގުތު ފައިދާ ސިޔާސީ ގޮތުން އެންމެ މޮޅަށް ހޯދުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ
އެކުގައި ވިޔަސް ވަކިން ވިޔަސް ކަމުގަ އެވެ. ކޮންމެ ވެސް އެއް ގޮތެއް ނިންމައި ޔަގީން ކެމްޕެއިންތަކެއް ފަށަން ވަނީ ޖެހިފަ އެވެ.