ރާއްޖޭގެ އެންމެ މަތީ ލެވަލްގެ ފުޓްބޯޅަ އަށް ޓީސީ ތައާރަފުވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ ކުލަބު މަޝްހޫރު ވެފައި ވަނީ ބައިބަލާއަށް ހާއްސަ ކަންމަތީ ޓީމެއްގެ ގޮތުގަ އެވެ. ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި ފުރަތަމަ ފަހަރުވެސް ޓީސީގެ ވިސްނުން ހުރީ އެންމެ މައްޗަށެވެ.
މިއީ ރާއްޖޭގެ އެންމެ މަތީ ލެވަލްގެ ފުޓްބޯޅައިގައި ޓީސީގެ ހަތަރު ވަނަ އަހަރެވެ. މި ހަތަރު އަހަރު ތެރޭ ދެ ފަހަރު ފިޔަވައި އެ ޓީމުން ވަނީ ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތަކުގައި ގަދަ ދެ ވަނައިގައި ހިމެނިފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕް އަދި މިދިޔަ އަހަރުގެ މާލޭ ލީގް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގައި ދެ ވަނަ ހޯދި އެވެ. ދެ ވަނަ މަގާމު ފަސް ދިނުމަށް ފަހު މިއަދަކީ ޓީސީ އެއް ވަނައިގައި ލީގް ޗެމްޕިއަނުންގެ ޝަރަފާއެކު ރާއްޖޭގެ އެންމެ ބޮޑު ލީގް ނިންމާލަން ލިބޭ ދުވަހެވެ.
މިހާރުވެސް ފަސް ޕޮއިންޓް ލީޑެއްގައި އެއް ވަނައިގައި އޮތް ޓީސީ މިއަދު މާޒިޔާ އަތުން މޮޅު ވެއްޖެނަމަ އަށް ޕޮއިންޓްގެ ލީޑަކާއެކު ލީގް ޗެމްޕިއަންކަން ކަށަވަރު ވެގެންދާނެ އެވެ. މިއަދުގެ މެޗު އެއްވަރު ކޮށްލެވުނަސް ޓީސީއަށް ލީގް ލިބޭނެ އެވެ. މެޗުން ބަލިވި ނަމަވެސް ލީގް ހޯދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޓީސީ އަށެވެ. މެޗުން ބަލިވުމުން ޓީސީ ދެން މަޑު ކުރަން ޖެހޭނީ ލީގްގެ އެންމެ ފަހު މެޗަށެވެ. ޓީސީއަށް ލީގް ގެއްލޭނެ ގޮތަކަށް އޮތީ އެންމެ ގޮތެވެ. އެއީ މިއަދު މާޒިޔާ އަތުން ބަލިވެ. އެންމެ ފަހު މެޗުގައި އީގަލްސް އަތުންވެސް ބަލިވެ، މާޒިޔާ އިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުވެސް ކާމިޔާބު ކުރުމުންނެވެ.
ޗެމްޕިއަންކަމާ ކިތަންމެ ކައިރީގައި ޓީސީ އޮތް ނަމަވެސް، ކޯޗް ނިޒާމް ދެކޭ ގޮތުގައި، އަދިވެސް ޓީސީ ކުރަން ޖެހޭ މަސައްކަތް ބޮޑެވެ. ކުޅުންތެރިންނާ މުޅި ޓީމު ނެރެންޖެހޭ ހިތްވަރު ކުރިއަށް ވުރެ މާ ބޮޑެވެ.
"އަބަދުވެސް ވިސްނަމުން މި އަންނަނީ މެޗަކުން މެޗަކަށް، ކޮންމެ މެޗަކަށް ނިކުންނަނީވެސް މޮޅުވެގެން ފައިބަން،" މިއަދުގެ މެޗާ ބެހޭ ގޮތުން ނިޒާމް ބުންޏެވެ. "މިއަދު ވަކި ހާއްސަ މެޗެއް ކަމަށް ނުދެކެން، ކުޅުންތެރިންނަށްވެސް ވިސްނައި ދީފައި ވާނީ އެހެން މެޗުތަކެކޭ އެއްގޮތަށް މިއަދުވެސް މޮޅުވެގެން ފައިބަން."
ފުރަތަމަ ޑިވިޝަންގައި ޓީސީގެ ފުރަތަމަ ސީޒަންގައި، ދެހާސް ފަނަރަ ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ވަކި ހިސާބަކުން ކޯޗް ނިޒާމު، އަމާޒު ހިފީ ލީގް ޗެމްޕިއަންކަން ހޯދުމަށެވެ. އެ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދި އެވެ. އެއީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރި ކުލަބަކުން ދިވެހި ލީގްގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ޑޮމެސްޓިކް ފުޓްބޯޅައިގައި ޓީސީ މީގެ ކުރިން ފެނިފައި ވަނީ ތަށި ހޯދުމުގައި ބަދު ނަސީބު ކުލަބެއްގެ ގޮތުގަ އެވެ. އެންމެ ސާފު ހެއްކެއް ފެންނާނީ 2016 ވަނަ އަހަރުގެ އެފްއޭކަޕާއި މިދިޔަ އަހަރުގެ އެފްއޭ ކަޕު ފައިނަލުގަ އެވެ. ބަލިކަށިވެ ހީނަރު ވެފައި އޮތް ވެލެންސިއާއިން ޓީސީ ބަލިކޮށް އެފްއޭއެކަޕު ޗެމްޕިއަންކަން ހޯދަފާނެ ކަމަކަށް ހީކުރެވިފައި ނެތެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕު ފައިނަލުގައި ގައި ނިއު ރޭޑިއަންޓް އަތުން ޓީސީ ބަލިވީ އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރާ ނިއު އިން ކާމިޔާބު ކުރި ލަނޑުތަކުންނެވެ.
ޑޮމެސްޓިކް މުބާރާތްތަކުގައި ޓީސީއަށް އަދި މިހާތަނަށް ތަށްޓެއްގައި އަތް ލެވިފައި ނެތް ނަމަވެސް، ދިވެހި ކުލަބަކުން ހޯދި އިންޓަނޭޝަނަލް ފުރަތަމަ މުބާރާތުގެ ތަށި ހޯދީ ޓީސީންނެވެ. މިިދޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދި އެވެ.