ހަބަރު

އަނިޔާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ: މިނިސްޓަރު

Nov 25, 2018
3

އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުހަލާއެއްގައި ވެސް ލިބެން ޖެހޭ ކަމަށާއި، މިފަދަ ހައްސާސީ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ނޮވެންބަރު 25ން ޑިސެންބަރު 10ށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކަށް އާއިލާގެ ތެރެއިންނާއި، ރައްޓެހިންގެ ފަރާތުންނާއި މުޅި މުޖުތަމައުގެ ތެރެއިން އެހީތެރިކަން ލިބެން ޖެހޭ ކަމަށެވެ. އަދި މި އަހަރުގެ އދ.ގެ ޝިއާރުކަމުގައިވާ "ހިއާމީޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގާލްސް" ބޭނުމަކީ ވެސް އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި، އެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ބާވަތުގެ އަނިޔާ ހުއްޓުވުމަށް ބާރުއަޅައި، ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފެއްދުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާގެ ވާހަކަގައި އަންހެނުނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލިކަމުގައި ވިޔަސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތައް ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާއަކީ މިމުޖުތަމައުގައި ނުހިނގާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ގަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ "16 ޑޭސް އޮފް އެކްޓިވިޒަމް" ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހާއްސަ ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގުމުގެ އިތުރުން، ވިލިމާލޭގެ ޒުވާނުންނަށް އަމާޒު ކޮށްގެން އަންހެނުންނާއި އަންހެން ކުދިންނަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ކެމްޕޭން ނިންމާ ދުވަހުގައި ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.