ފިނިޕޭޖް

ނޯޓީ 40 އަށްވުރެ، 40 ޕްލަސް އަދި މާ މަޖާވާނެ

ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސްއަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށްވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ. މިއީ އާދައިގެ ފިލްމަކަށް ނުވާނެކަމުގެ ޔަގީންކަންދެ އެވެ.

އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކޮށްފައިވާ ފިލްމު 40 ޕްލަސްގެ ޓްރެއިލާ ރޭ ވީޓީވީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ދައްކާލާފަ އެވެ.

40 ޕްލަސްގެ ޓްރެއިލާ

ބިރުވެރި އެހެންނަމަވެސް މަޖާ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދާއިރު، މިއީ ރާއްޖޭގައި މިކަހަލަ ޖޯންރާއެއްގެ ފިލްމެއް އުފެއްދި ފުރަތަމަ ފަހަރެވެ. "އަވަަސް"އާ ވާހަކަ ދައްކަމުން، އިސްމާއިލް ޝަފީގު ބުނީ، މި ފިލްމަކީ ނޯޓީ 40 އަށް ލިބުނު ތަރުހީބާއެކު އުފައްދަން ނިންމި ފިލްމެއް ކަމަށާއި، ފިލްމުގައި މަޖާ މަންޒަރު ތަކެއް ހިމެނުނަސް، ފިލްމުން ބިރުވެރި ކަންތައްތަކެއް ވެސް ފެންނާނެ ކަމަށެވެ.

މި ފިލްމު އުފައްދަން އެންމެ ފުރަތަމަ ނިންމީވެސް ނޯޓީ 40 އަށް ލިބުނު ތަރުހީބު ބޮޑުކަމުން. ނޯޓީ ފޯޓީގެ ސީކުއެލްއެއް މީ. ހަމަ އެ ފިލްމުންވެސް ފެނުނު މައިގަނޑު ތަރިން މި ފިލްމުންވެސް ފެންނާނެ. މި ފިލްމަކީ މަޖާ ފިލްމަކަށްވިޔަސް ހަމަ ޔަގީނުންވެސް ބިރުވެރި ވާނެ.
ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު

މި ފިލްމުގެ ޓްރެއިލާ އާއެކު އަޕްޑޭޓްތައް ފިލްމުގެ ފޭސްބުކް ޕޭޖަށް މިހާރު ގެންދަނީ ލަމުން އެވެ. މި ފިލްމް ޕްރޮމޯޓް ކުރަން އަޅުވާފައިވާ ހޭޝްޓެގަކީ ދަ ބިގެސްޓް މޫވީ އޮފް ދި 2019 އެވެ. ޖުމްލަ 25 ތަރިންގެ ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ހަތަރު މޫނެއް ތައާރަފްކުރާނެ އެވެ.

އެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. އަދި ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ތަރި ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ގަ އެވެ.