ދިވެހި ޕްރެމިއާ ލީގް

މާޒިޔާއިން ފަހަތުން އަރައި ޓީސީ ބަލިކޮށް ލީގް ފޯރިގަދަ ކޮށްލައިފި

ލީގް ޗެމްޕިއަންކަން ހޯދަން ޓީސީން ނިކުތް މެޗުގައި، ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މާޒިޔާއިން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 4-2 މޮޅުވެ ދިވެހި ޕްރިމިއާ ލީގްގެ ފޯރި ގަދަ ކޮށްލައިފި އެވެ.

މިއަދުގެ މެޗު އެއްވަރު ކޮށްލައިގެންވެސް، ޓީސީއަށް ލީގް ޗެމްޕިއަންކަން ލިބެން އޮތެވެ. އެރޫހްގައި މެޗު ފަށައި ފުރަތަމަ 30 މިނެޓްތެރޭ ޓީސީން 2-0 ށް މެޗުގެ ނަތީޖާ ބަދަލު ކޮށްލި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އެވެ. ދެ ވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ އަޝްފާގް 'ދަގަނޑޭ' އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ފުރަތަމަ ދެ ލަނޑު ޖެހުނުނަމަވެސް ޓީސީއަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުނު ކަމަށެވެ.

"އެދިޔަ ދޭތި އިދިކޮޅު ޓީމު ކޮޅަށް ވަނެއް ކަމަކު އެންމެ ރަނގަޅަކަށް ނޫން ޕާފޯމް ކުރެވުނީކީ،"ނިޒާމް ބުންޏެވެ. "މި ޓީމުގެ ގިނަ ކުޅުންތެރިން މިއަށް އާވީ ކަންނޭންގެ."

މާޒިޔާއިން އުންމިދު އާ ކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބު ކުރި ދެ ލަނޑުންނެވެ. މާޒިޔާއަށް ޓީސީއާ ހަމަހަމަ ކޮށްދިނީ ކުރިން ޓީސީއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ކޯނޭލިއަސް ސްޓްވާޓް 'ކޯނޭ' އާއި ނާއިޒް ހަސަން 'ދާދު' އެވެ. ކޯނޭ ލަނޑު ޖެހީ މެޗުގެ 41 ވަނަ މިނެޓްގައެވެ. ދާދު، ނަތީޖާ ހަމަހަމަ ކުރީ ދާދު 43 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ދެ ވަނަ ހާފުގައި، މާޒިޔާގެ ފަރާތުން ފެނުނީ ތަފާތު ރޫހެކެވެ. މާޒިޔާއަށް ލީޑް ނަގައިދިނީ މޫސާ ޔާމީން މެޗުގެ މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. ލީޑް ނެގުމަށް ފަހު މާޒިޔާއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެފަ އެވެ. ޓީސީ އަތުން ނަތީޖާ ގެއްލުމުން އެ ޓީމުގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުމުން ކައުންޓަ އެޓޭކުގައި މާޒިޔާއަށް ފުރުސަތު ލިބިގެން ދިޔަ އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު 79 ވަނަ މިނެޓްގައި ދާދު ކާމިޔާބު ކުރީ، ޓީސީގެ މުޅި ޓީމު ކުރިއަށް ޖެހިގެން ތިބި ވަގުތު ކައުންޓަ އެޓޭކުގައި ތަނަވަސް ކުރި ބޯޅައިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.

މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒް 'އިންމަ' ބުނީ، މާޒިޔާއިން މެޗަށް ނިކުތީވެސް ލީގް ހޯދަން މާޒިޔާއިން އުންމީދު ދަމަހައްޓަން ބޭނުންނަމަ މިއަދުގެ މެޗަކީ މޮޅުވާން ޖެހޭ މެޗެއް ކަމުގައި ދެކިގެން ކަމަށެވެ. ކުޅުންތެރިންގެ ފަރާތުންވެސް ފެނުނީ އެ މެންޓަލިޓީ ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިން މެންޓަލިޓީ ރަނގަޅުވީމަ ދެއްތޯ ދެ ގޯލް ޖާހަފައި އޮއްވާ ފަހަތުން އަރައި ހަތަރު ލަނޑު ޖެހީ" މެޗަށް ފަހު އިންމަ ބުންޏެވެ. "އަޅުގަނޑުމެންގެ ކޮޅަށް ދެ ލަނޑު ވަނުމަށް ފަހުވެސް އަޅުގަނޑުމެންގެ މަސައްކަތަށް އަދި ވިސްނުމަކަށް ބަދަލެއް ނާދޭ، އަޅުގަނޑުމެން ހަދާން ނުނެތޭ މިއަދުގެ މެޗަށް އައީ ކީއްކުރަން ކަމެއް، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުޅުންތެރިން އެކަން ކޮށްފި."

ޓީސީއާ މާޒިޔާ އާ ދެމެދުހުރި ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަ ވެފަ އެވެ. ޓީސީއަށް 39 ޕޮއިންޓެވެ. މާޒިޔާއަށް 37 ޕޮއިންޓެވެ. އެހެންނަމަވެސް ލީގް ހޯދުމުގެ އެންމެ ފަހި ފުރުސަތެއް އަދިވެސް އޮތީ ޓީސީ އަށެވެ. މާޒިޔާއަށް ލީގް ލިބޭނީ، އަންނަ ހުކުރު ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުންވެސް މޮޅުވެ، އެ ރޭ ލީގްގެ އެންމެ ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ޓީސީ ބަލިވުމުންނެވެ.

ނިޒާމް ބުނީ، މެޗުން ބަލިވުމުން ޓީސީއަށް ލިބުނީ އިތު ހިތްވަރެއް ކަމަށާއި އަމިއްލަ ބާރުގައި ގޮސް ލީގް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"މިހިސާބުން ކަންނޭންގެ ލީގެއް ވިން ކުރުމުގެ ބިއުޓީ ދެން އަންނާނީ،" ނިޒާމް ވާހަކަ ދެއްކި އެވެ. "އަމިއްލަ ބާރުގައި ގޮސް ލީގްގެ އެންމެ ފަހު މެޗު ވިން ކުރީމަ ކަންނޭންގެ މީތި އެންމެ ފުރިހަމަ ވާނީ، މިހާރު މީންދީ ވަރަށް ރަނގަޅަށް ކަމަށް ބެލެވެނީ."