ހަބަރު

އުމްރާއަށް ނުފުރުނު މީހުންނަށް މި ހަފްތާ ފުރޭނެ: އަސްކޮއި ގްރޫޕް

Nov 25, 2018
5

ޓިކެޓް ނަގަން ހަވާލުކުރި އެޖެންޓް، ފޭކް ޓިކެޓްތަކެއް އިޝޫކުރުމުގެ ސަބަބުން މިއަދު އުމުރާއަށް ނުފުރުނު އަސްކޮއި ގްރޫޕްގެ އެންމެންނަށް ވީ އެންމެ އަވަހަކަށް އުމްރާއަށް ފުރޭނެ އިންތިޒާމް މި ހަފްތާތެރޭ ހަމަޖެއްސާނެ ކަމަށް، އެ ގްރޫޕުން މިއަދު ބުނެފި އެވެ.

އެ މީހުންނަށް ދީފައި ހުރީ ސައްހަ ނޫން ޓިކެޓްތަކެއްކަން އެނގުނީ، މިއަދު މެންދުރު 1:30 ގައި އެ މީހުން އުމްރާއަށް ފުރަން އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިޔުމުން އެވެ. އެ ގްރޫޕްގެ 49 މީހަކަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ.

އަސްކޮއި ގްރޫޕްގެ އޮފިޝަލަކު މިއަދު، "އަވަސް"އަށް ވިދާޅުވީ މިފަހަރު އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައި ތިބި އެންމެންނަށް ޓިކެޓް ނެގުމަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޓިކެޓިން އެޖެންޓަކާ ހަވާލުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އުމްރާއަށް ދާ މީހުންނަށް ހަވާލުކުރި ޓިކެޓްތަކަކީ، އެޖެންޓް އެ ޖަމާއަތާ ހަވާލުކުރި ޓިކެޓްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މިއަދު އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ޓިކެޓިން އެޖެންޓް އިރުޝާދު ދީފައި ވަނީ އެންމެންނަށް ވެސް ފުރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާ ކުއްލިއަކަށް ދިމާވި މައްސަލައަކަށް ވާތީ، ސީދާ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ އެޖެންޓާ ވާހަކަދައްކައިގެން އެންމެން ފުރުވާލެވޭނެ ގޮތްތައް ހަމަޖައްސަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބެލޭނީ ޓިކެޓްގައި ހުންނަ މީހާގެ ނަމާއި ފުރާ ދުވަހާއި ޑެސްޓިނޭޝަން ރަނގަޅުތޯ. އެވަރަށް އަޅުގަނޑުމެން ޓިކެޓްތައް ވެރިފައި ކުރީ ޓިކެޓިން އެޖެންޓަށް އަޅުގަނޑުމެން އިތުބާރު ކުރާތީ. އެކަމަކު އެންމެ ފަހުވަގުތު ކަންތައް މިދިޔައީ އެހެން ގޮތަކަށް. މި ޖަމާއަތުން އެއްގޮތަކަށް ވެސް ކަންތައް ވާން ބޭނުންވި ގޮތަކަށް ނޫން. އެފަރާތުގެ މައްސަލަ އަޅުގަނޑުމެން ފުލުހާއި ކަމާ ބެހޭ ތަންތަނަށް ވެސް މިހާރު ހުށަހަޅައިފިން. މިހާރު ވަރަށް ބޮޑު އުންމީދެއް އެބަ އޮތް މި ހަފްތާ ފަހުކޮޅު ފުރޭނެ ކަމަށް. އެ އިންތިޒާމްތައް ހަމަޖައްސަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ފަހު ވަގުތު މިފަދަ ކަމެއް ވުމުން ފުރަން ގޮސް ތިބި މީހުންގެ މެދުގައި ހިތްހަމަ ނުޖެހުން ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެންނަށް ފުރޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުރުމުން ޖަމާއަތުގެ ބޮޑެތި މީހުން ވެސް ރޭގެ ވަގުތެއްގައި ސައުދީއަށް ފުރާފައިވާ ކަމަށެވެ. އަދި މާލޭގައި ހުރީ ޖަމާއަތުގެ އެންމެ އިސް ފަރާތެއް ކަމަށާއި މީހުން އެއާޕޯޓަށް ދިޔަ ވަގުތު އެބޭފުޅާ އުޅެން ޖެހުނީ ކުއްލިއަކަށް ދިމާވި މައްސަލަ ހައްލު ކުރަން އެއާޕޯޓަށް ނުގޮސް، ޖަމާއަތުގައި އޮފީހުގައި ކަމަށެވެ.