ހަބަރު

މަޖިލީހުގެ އިތުރު ދެ މެންބަރަކު ޖޭޕީއަށް

Nov 25, 2018
6

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ، ޖޭޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

އެބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ މައިހަރުގެ ކުނޫޒުގައި މިރޭ ބޭއްވި ހަފްލާއެއްގަ އެވެ. ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެދެ މެންބަރުން ވެސް ވަނީ މެންބަޝިޕް ފޯމް މިރޭ ހަވާލުކުރައްވައިފަ އެވެ. މީގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ނައިބް މިނިސްޓަރަކަށް ހުންނެވި، ޑރ. މުހައްމަދު ގުބާދު އަބޫބުކުރާއި މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު އަބްދުއްލަތީފް އަހުމަދާއި އައްޝައިހް އަލީ ނަޖީބުގެ އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމް ވެސް މިރޭ ޖޭޕީއަށް ސޮއިކުރެއްވި އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމާ އެކު މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ޖޭޕީއާ ގުޅިވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

މިފަހުން ޖޭޕީއާ ގުޅިވަޑައިގަތް މެންބަރުންނަކީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ، ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެވެ. މީގެ ތެރެއިން އިލްހާމް އާއި މުބީން ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓްގައި ނަމަވެސް، އެދެބޭފުޅުން ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވީ އެވެ.

މި މެންބަރުންނާ އެކު ޖޭޕީގެ މެންބަރުންގެ އަދަދު 14 މެންބަރުންނަށް މި ވަނީ އަރައިފަ އެވެ. މީގެ ކުރިން ޖޭޕީގައި ތިއްބަވަނީ ހަ މެންބަރުން އެވެ.