ހަބަރު

ހައްޖު ގްރޫޕަކަށް ފޭކް ޓިކެޓް ވިއްކި ކުންފުނީގެ މެނޭޖަރަކު ހައްޔަރުކޮށްފި

ހައްޖު ގްރޫޕެއް ކަމަށްވާ، އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 48 މީހުންނަށް ފޭކް ޓިކެޓް ތަކެއް އިޝޫކުރި މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި ކުންފުންޏެއްގެ މެނޭޖަރަކު ހައްޔަރުކޮށްފި އެވެ.

އެ މީހުންނަށް ދީފައި ހުރީ ސައްހަ ނޫން ޓިކެޓްތަކެއްކަން އެނގުނީ، އިއްޔެ މެންދުރު 1:30 ގައި އެ މީހުން އުމްރާއަށް ފުރަން އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިޔުމުން އެވެ. އެމީހުންނަށް ޓިކެޓު ނަގާފައިވަނީ ސަމްހާ އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ކަމަށް އަސްކޮއި ގްރޫޕުން ވަނީ ބުނެފަ އެވެ. އުމްރާ އަށް ދާން ސްރީލަންކަން އެއާލައިންސްއިން ޓިކެޓު ބުކް ކުރި މީހުންނަށް ފުރޭ ގޮތް ނުވީ، ސަމްހާ އިންޓަނޭޝަނަލްއިން އެ ގްރޫޕާ ހަވާލުކުރި ޓިކެޓްތަކުގައި ފޭކް ޓިކެޓްތަކެއް ހުރެގެން އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެމައްްސަލާގައި ހައްޔަރު ކޮށްފައިވަނީ، އަސްކޮއި ގްރޫޕުން ޓިކެޓް ގެ ކަންކަން ހަވާކުރި ސަމްހާ އިންޓަނޭޝަނަލްއަށް ޓިކެޓްތަކެއް ވިއްކި ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ޑީބީ ޓްރެވަލްސްގެ ސީނިއާ މުވައްޒަފެކެވެ. އޭނާ އަކީ އެ އެޖެންސީގެ ޓިކެޓްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ޓިކެޓިން މެނޭޖަރު ކަމަށް އަވަސްއަށް ވަނީ އެނގިފަ އެވެ. ހައްޔަރު ކުރީ، ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ސްރީލަންކާ އަށް ފުރަން މަސައްކަތް ކުރަނިކޮށް އައްޑޫ އިން ކަމަށްވެސް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ސަމްހާ އިންޓަނޭޝަނަލްގެ އިސްވެރިޔަކު މިއަދު ވިދާޅުވީ، އެ ކުންފުނިން ޓިކެޓް ބުކްކޮށް ޓިކެޓް ނެގީ ޑީބީ ޓްރެވަލްއިން ކަމަށާއި ފޭކް ޓިކެޓް އިޝޫކުރީ އެ ކުންފުނިން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، ސަމްހާ ކުންފުނީގެ ފަރާތުން 2.3 މިލިއަން ރުފިޔާ ޑީބީ ޓްރެވަލްއަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ ކުންފުނިން އެއްވެސް ގޯހެއް ނަހަދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަސްކޮއި ގްރޫޕްގެ އޮފިޝަލަކު އިއްޔެ، "އަވަސް"އަށް ވިދާޅުވީ މިފަހަރު އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައި ތިބި އެންމެންނަށް ޓިކެޓް ނެގުމަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޓިކެޓިން އެޖެންޓަކާ ހަވާލުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އުމްރާއަށް ދާ މީހުންނަށް ހަވާލުކުރި ޓިކެޓްތަކަކީ، އެޖެންޓް އެ ޖަމާއަތާ ހަވާލުކުރި ޓިކެޓްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައުވެ އެވެ. އަދި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ޓިކެޓިން އެޖެންޓް އިރުޝާދު ދީފައި ވަނީ އެންމެންނަށް ވެސް ފުރޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަން ދިމާވުމާ ގުޅިގެން އަސްކޮއި ގްރޫޕުން ނިންމީ، އެ ޖަމާއަތުން އަމިއްލައަށް އެއާލައިންއާ ގުޅައިގެން ޓިކެޓް ނަގައި މީހުން ފުރުވާ ލުމަށެވެ. އެގޮތުން މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ނޯޓް:

މި ހަބަރުގައި ކުރިން ޓިކެޓް ވިއްކި ކުންފުންޏަކީ ސަމްހާ އިންޓަނޭޝަނަލް ކަމަށް ޖެހިފައިވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ އަސްކޮއި ގްރޫޕުން ޓިކެޓްގެ ކަންކަން ހަވާކުރި ކުންފުންޏަކީ ސަމްހާ އިންޓަނޭޝަނަލް އެވެ. އެ ކުންފުންޏަށް ޓިކެޓްތަކެއް ވިއްކީ ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ޑީބީ ޓްރެވަލްސްއިންނެވެ. ހައްޔަރުކޮށްފައިވަނީ ޑީބީ ޓްރެވަލްސްގެ މެނޭޖަރެކެވެ.