ހަބަރު

ފުލުހުން ހަރަމައިން ހައްޖު ގްރޫޕުގެ ބަޔާން ނަގައިފި

އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދިން ވަރަށް ވުރެ ގިނައިން މީހުން އަތުން ފައިސާ ނެގި މައްސަލާގައި އެ ގްރޫޕުގެ ބަޔާން ނަގާފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.

އެ ގްރޫޕަށް ހުއްދަ ދިނީ 69،965 ރުފިޔާ ހައްޖަށްދާ މީހުން އަތުން ފައިސާ ނެގުމަށެވެ. ނަމަވެސް މީހެއްގެ އަތުން ހަރަމައިން ގްރޫޕަށް އިތުރަށް ފައިސާ ނެގި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް މި މަހުގެ 11 ދުވަހު މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ގްރޫޕުގެ އިސްވެރިންގެ ބަޔާން ނަގާފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މީގެ ކުރިން ވިދާޅުވީ ހަރައިމަން ގްރޫޕުން އިތުރަށް ފައިސާ ނެގުމާ ގުޅިގެން އެ ގްރޫޕުގެ ވެރިން މިނިސްޓްރީ އަށް ހާޒިރުކޮށް ސުވާލު ކުރުމުން އިތުރަށް ފައިސާ ނަގާފައިނުވާ ކަމަށް ބުނި ކަމަށެވެ.