ހައްޖު ގްރޫޕެއް ކަމަށްވާ، އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނަށް 168 ފޭކް ޓިކެޓް ދޫކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.
އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 48 މީހުންނަށް ފޭކް ޓިކެޓް ތަކެއް އިޝޫކުރުމުން އެމީހުންނަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ. އެ މީހުންނަށް ދީފައި ހުރީ ސައްހަ ނޫން ޓިކެޓްތަކެއްކަން އެނގުނީ، އިއްޔެ މެންދުރު 1:30 ގައި އެ މީހުން އުމްރާއަށް ފުރަން އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިޔުމުން އެވެ. އެމީހުންނަށް ޓިކެޓު ނަގާފައިވަނީ ސަމްހާ އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ކަމަށް އަސްކޮއި ގްރޫޕުން ވަނީ ބުނެފަ އެވެ. އުމްރާ އަށް ދާން ސްރީލަންކަން އެއާލައިންސްއިން ޓިކެޓު ބުކް ކުރި މީހުންނަށް ފުރޭ ގޮތް ނުވީ، ސަމްހާ އިންޓަނޭޝަނަލްއިން އެ ގްރޫޕާ ހަވާލުކުރި ޓިކެޓްތަކުގައި ފޭކް ޓިކެޓްތަކެއް ހުރެގެން އެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އެމައްސަލަ ތަހްގީގްކޮށް ބެލި ބެލުމުން އަސްކޮއި ހައްޖު ގްރޫޕުން އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓް ގަތުމަށް ސަމްހާ އިންޓަނޭޝަނަލާއި ފައިސާ ހަވާލުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެ ފައިސާ ސަމްހާ ގްރޫޕުން ޑީބީ ޓްރެވަލްސްއަށް ދެއްކުމުން އެކުންފުނީގައި މަސައްްކަތް ކުރާ ފަރާތަކުން 168 ސައްހަ ނޫން ޓިކެޓް ދޫކޮށްފައިވާކަން ތަހްގީގަށް ހާމަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތް ރާއްޖެއިން ބޭރަށް ފުރުމަށް ސ. ގަން އެއާޕޯޓަށް ގޮސް ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެމައްްސަލާގައި ހައްޔަރު ކޮށްފައިވަނީ، ޑީބީ ޓްރެވަލްސްގެ ސީނިއާ މުވައްޒަފެކެވެ. އޭނާ އަކީ އެ އެޖެންސީގެ ޓިކެޓްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ޓިކެޓިން މެނޭޖަރު ކަމަށް އަވަސްއަށް ވަނީ އެނގިފަ އެވެ. ހައްޔަރު ކުރީ، ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާނެވެ.
ސަމްހާ އިންޓަނޭޝަނަލްގެ އިސްވެރިޔަކު މިއަދު ވިދާޅުވީ، އެ ކުންފުނިން ޓިކެޓް ބުކްކޮށް ޓިކެޓް ނެގީ ޑީބީ ޓްރެވަލްއިން ކަމަށާއި ފޭކް ޓިކެޓް އިޝޫކުރީ އެ ކުންފުނިން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، ސަމްހާ ކުންފުނީގެ ފަރާތުން 2.3 މިލިއަން ރުފިޔާ ޑީބީ ޓްރެވަލްއަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ ކުންފުނިން އެއްވެސް ގޯހެއް ނަހަދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަން ދިމާވުމާ ގުޅިގެން އަސްކޮއި ގްރޫޕުން ނިންމީ، އެ ޖަމާއަތުން އަމިއްލައަށް އެއާލައިންއާ ގުޅައިގެން ޓިކެޓް ނަގައި މީހުން ފުރުވާ ލުމަށެވެ. އެގޮތުން މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.