ހަބަރު

"ފޭކް ޓިކެޓް"އަކީ އެއާލައިންގެ މައްސަލައެއް ނޫން

Nov 26, 2018
3

ވިއްކާފައިވާ ޓިކެޓެއް ބަލާލާފައި ނޭނގި ދާނެ އެވެ. ހަމަ ހީވަނީ އަސްލު ޓިކެޓެއް ހެންނެވެ. އެ އޮތީ ފުރިހަމަ އަށް އެޑިޓް ކޮށްފަ އެވެ. އެހެންވެ ފުރާ މީހާ ފުރަން އެއާޕޯޓަށް ދިޔަ އެވެ. އެކަމަކު އެ ގަޑީގައި ފްލައިޓެއް ނެތެވެ. މިއީ އިއްޔެ އުމްރާ އަށް ދާން ފުރަތަމަ ދިޔަ މީހުންނަށް ލިބުނު ޓިކެޓުގައި ދިމާވި މައްސަލަ އެވެ.

"ޓިކެޓު ބަލާފަ ނޭނގެ. ފުރަން ދިއުމުން އެނދުނީ އެ އޮތީ އެޑިޓް ކޮށްފަކަން،" އުމްރާ އަށް ދާން ޑީބީ ޓްރެވަލް އިން އިޝޫ ކުރި ޓިކެޓު ލިބުނު މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އޭވިއޭޝަނުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މައްސަލާގައި އެ ކުންފުންޏާއި ސްރީލަންކަން އެއާލައިންސް އަށް ގިނަ ބަޔަކު ގުޅައި އެއްޗިހި ކިޔަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެ ކުންފުނީގެ މައްސަލައެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ އޮފިޝަލު އަވަސް އަށް މިއަދު ވިދާޅުވީ ޓިކެޓުގެ މައްސަލާގައި އެއާލައިންގެ މައްސަލައެއް
ނެތް ކަމަށެވެ.

"އަޅުގަނޑުމެން މީގައި ކުރާނެ ކަމެއް ނެތް. އެނގިފައިވާ ގޮތުގައި އެ މައްސަލާގައި މީހަކު މިހާރު ވަނީ ހައްޔަރު ވެސް ކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.

48 އަށް މީހުންގެ ހައްގު!

އަސްކޮއެ ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާ މީހުންގެ ޓިކެޓު ނެގުމުގެ ކަންކަން ހަވާލު ކޮށްފައި އޮތީ ސަމްހާ އިންޓަނޭޝަނަލް އާ އެވެ. އެ ކުންފުނިން ޓިކެޓްތައް ނަގާފައިވަނީ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ޑީބީ ޓްރެވަލްސް
އިންނެވެ.

ސަމްހާ އިންޓަނޭޝަނަލްގެ އިސްވެރިޔަކު މިއަދު ވިދާޅުވީ އެ ކުންފުނިން ޓިކެޓް ބުކްކޮށް ޓިކެޓް ނެގީ ޑީބީ ޓްރެވަލްއިން ކަމަށާއި ފޭކް ޓިކެޓް އިޝޫކުރީ އެ ކުންފުނިން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، ސަމްހާ ކުންފުނީގެ ފަރާތުން 2.3 މިލިއަން ރުފިޔާ ޑީބީ ޓްރެވަލް އަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އަދި އެ ކަމުގައި އެ ކުންފުނިން އެއްވެސް ގޯހެއް ނަހަދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޑީބީގެ މެނޭޖަރަކު ހައްޔަރު ކުރުން

އެނގިފައިވާ ގޮތުގައި ފޭކް ޓިކެޓް ވިއްކި ކުންފުނީގެ މެނޭޖަރަކު ފުލުހުން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފަ އެވެ. އޭރު އޭނާ މަސައްކަތް ކުރީ ސްރީލަންކާއަށް ދާން ފުރާށެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހެނދުނު އެވެ. ހައްޔަރުކުރި މީހާއަކީ ޑީބީ ޓްރެވަލްގެ ޓިކެޓިން މެނޭޖަރެވެ. ޓިކެޓް ނަގަން ދިން ފައިސާއަށް އޭނާ ހިޔާނާތްތެރިވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ހަފުތާ ފުރޭ ގޮތް ހަދަނީ!

އެކަން ދިމާވުމާ ގުޅިގެން އަސްކޮއި ގްރޫޕުން ނިންމީ އެ ޖަމާއަތުން އަމިއްލަ އަށް އެއާލައިންއާ ގުޅައިގެން ޓިކެޓް ނަގައި މީހުން ފުރުވާ ލުމަށެވެ. އެގޮތުން މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް އަސްކޮއެ ޖަމާއަތުގެ އޮފިޝަލަކު ރޭ ވަނީ ވިދާޅުވެފަ އެވެ.