ވިޔަފާރި

ރެކޯޑެއް! ޓޫރިސްޓުންގެ އަދަދު 1.2 މިލިއަން ފަހަނަ އަޅައިފި

މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަން ފަހަނަ އަޅައި، 7.3 ޕަސެންޓުގެ ކުރި އެރުމެއް ލިބިއްޖެ
އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 1.2 މިލިއަން މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1.1 މިލިއަން މީހުންނާ އަޅާ ބަލާއިރު 7.3 ޕަސެންޓް އިތުރު ވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އިނގިރޭސިވިލާތުން 93,300 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 84,679 މީހުންނާ އަޅާ ބަލާއިރު 10.2 ޕަސެންޓް އިތުރު ވުމެކެވެ. އަދި އިޓަލީން 79,583 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 67,094 މީހުންނާ އަޅާބަލާއިރު 18.6 ޕަސެންޓް އިތުރު
ވުމެކެވެ.

ޓޫރިސްޓުން އިތުރުވި އެހެން ބައެއް ގައުމުތަކަށް ބަލާއިރު ރަޝިއާ އާއި ޖަރުމަނު ވިލާތް ފަދަ ގައުމުތަކުން އައި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގައުމުން އޮކްޓޫބަރު މަހުގެ ނިޔަލަށް ޗައިނާއިން 247,911 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 265,417 މީހުންނާ އަޅާބަލާއިރު 6.6 ޕަސެންޓް ދަށްވުމެކެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުވިއިރު ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމް މައި ސީޒަން އެވެ.