ހަބަރު

ރައީސް އަންނަ މަހު 17ގައި އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންނަ މަހު 17 ގައި އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންކަން ހާމަ ކުރައްވައި ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރޭޖާ، ދެފަރާތުން ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާނެ ދުވަހަކަށް އެެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށާއި އެދަތުރުފުޅާއި ގުޅުންހުރި ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެއްވި ދައުވަތަކަށެވެ. އެދައުވަތު ދެއްވާފައިވަނީ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވުމަށް ކުރެއްވި ފޯން ކޯލްއަށެވެ. އެދައުވަތު ވަނީ ރައީސް ސޯލިހް ގަބޫލުފުޅު ކުރައްވާފަ އެވެ.

މޯދީ ވަނީ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ. އަދި އެއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތުވެސް އެރުވި އެވެ.

އެދަތުރުފުޅުގައި މޯދީ ވަނީ އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ރާއްޖެ އަލުން ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ދާއިރާތައް ކުރިއަރުވަން އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.