ހަބަރު

ކުއްޖާގެ ހާލު ރަނގަޅު، ސީރިއަސް ކަމެއްނެތް: ހޮސްޕިޓަލް

ގދ. ވާދޫގައި އަންހެނަކު ފާހަނާ ތެރެއަށް ވިހެއުމަށްފަހު ބާލިދީ ތެރެއަށް ލާފައި އޮއްވާ ފެނުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ތިނަދޫ ހޮސްޕިޓަލް އިން ބުނެފި އެވެ.

ފާހަނާ ތެރޭގައި އެކަނި ވިހެއި އަންހެން މީހާ އާއި ކުއްޖާ އެންމެ ފުރަތަމަ ގެންގޮސް ފަރުވާ ދިނީ ވާދޫ ސިއްހީ މަރުކަޒުންނެވެ. އެދެމައިން ފަހުން ވަނީ ތިނަދޫ ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

ތިނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި، އާމިނަތު އަބްދުލް ހަކީމް "އަވަސް" އަވަށް ވިދާޅުވީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ސީރިއަސް ކަމެއްނެތް ކަމަށެވެ.

"ކޮންމެ ކުއްޖަކުވެސް އުފަންވާތާ 48 ގަޑިއިރު ވަންދެން އެޑިމިޓްކޮށްގެން ބަލާ އުސޫލުން ބަލަމުން ދަނީ." އާމިނަތު އަބްދުލް ހަކީމް ވިދާޅުވި އެވެ.

އާމިނަތު އަބުދުލް ހަކީމް ވިދާޅުވީ، މައި މީހާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ވާދޫ ކައުންސިލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ކުއްޖާ ވިހާފައިވަނީ ރޭ 7:15 އެހާއިރު ކަމަށާއި އެކަމުގެ މައުލޫމާތު ލިބުމުން އެގެއަށް ވަގުތުންދިޔަ ކަމަށެވެ. އަދި އަންހެން މީހާ ވިހާފައިވަނީ ފާހަނާ ތެރެއަށް ކަމަށާއި ކުއްޖާ އޮތީ ބާލިދީ ތެރޭގައި ކަމަށްވެސް އޭނާ ބުންޏެވެ.

ކައުސިލްގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ، އެކުއްޖާ ބާލިދީ ތެރޭގައި އޮއްވައި ވަގުތުން ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި އެކުއްޖާ ގެންދިޔަ އިރުވެސް ވިންދު ޖަހާ ކަމަށެވެ. އެވަގުތު ޑޮކްޓަރު މިސްކިތުގައި ހުރުމުން ހެލްތް ވޯކަރަކު ކުއްޖާއަށް ވަގުތުން ފަރުވާދޭން ފެށި ކަމަށާއި މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ކައުންސިލްގެ ފަރާތުން ބުންޏެވެ.

"އަޅުގަނޑަށް މީހަކު ގުޅާފައި ބުނީ މީހަކު ފާހަނާ ތެރެއަށް ވިހާފައި، ދިޔަ އިރު ދެތިން އަންހެން ކުދިން އެތާތިބި، ދިޔައިރު މުޅި ފާހަނާ ތެރެވެސް އޮތީ ވަރަށް ރީތިކޮށް ސާފުކޮށްފަ، އެކަމަކު ކުއްޖާ އޮތީ ބާލިދީ ތެރޭގައި، ކުއްޖާ އޮތީ ތާހިރުކޮށްފަ، އޭރު ބެލިއިރު ވިންދުޖަހާ، އެހެން ފިރިހެން ކުއްޖަކާއެކު ބާލިދީއާއެކު ނަގައިގެން ސައިކަލްގައި ދިޔައީ ސިއްހީ މަރުކަޒަށް، ޑޮކްޓަރު ނަމާދަށް ގޮސްވީ އޭރު، އެހެންވެ ހެލްތް ވޯކަރަކަށް އުޅޭ ކުއްޖަކަށް ގުޅީ، އެކުއްޖާ އަށް ވަގުތުން ފަރުވާދޭން ފެށި، ދެން ފަހުން ދިޔައީ ވޭންގައި އަންހެން މީހާ ބަލާ، ފަހުން އައިސް ހެލްތް ވޯކަރު ކައިރީ ކުއްޖާގެ ހާލު އެހުމުން އޭނާ ބުނީ ބޭބީ ރަނގަޅު މިހާރު،" ކައުންސިލުން މައުލޫމާތުދިން ފަރާތުން ބުންޏެވެ.

"އަންހެން މީހާއަކީ މީގެ ކުރިން މީހަކާ އިނދެ ތިން ދަރިން ލިބިފަ ހުރި މީހެއް، އެކަމަކު މި ކުއްޖާ ލިބުނުއިރު އޭނާ ހުރީ މީހަކާ ނީންދެ،"

ފުލުހުން ބުނީ ވާދޫގައި ކައިވެނިން ބޭރުން ވިހާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ފުލުހުންނާއި ގުޅިގެން އެމައްސަލަ ތަހްގީގް ކުރަމުންދާ ކަމަށާއި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އާއިލާ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.