ނަގުދު ފައިސާ މެދުވެރިކޮށް ރާއްޖޭގައި ކުރެވޭ މުއާމަލާތްތައް އިންތިހާއަށް ގިނަވެފައި ވާތީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޔުނިޓުން އާންމުކުރި 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ، އެ ޔުނިޓްގެ ފަރާތުން ބޭންކްތަކާއި އެހެން ވެސް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހޯދާފައިވާ ތްރެޝް ހޯލްޑް ޓްރާންސެކްޝަން ރިޕޯޓްތަކަށް ބަލާއިރު ބޭންކްތައް މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި، ނަގުދު ފައިސާއިން 25 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި ޑޮލަރު ބޭނުންކޮށްގެން ބޭންކްތައް މެދުވެރިކޮށް ހިންގި ނަގުދު ފައިސާގެ މުއާމަލާތްތަކުގެ އަދަދު 345 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
"ދިވެހިރާއްޖޭގެ އިގްތިސާދުގައި ނަގުދު ފައިސާ ދައުރުވާ މިންވަރު ބޮޑުކަމީ މި ޔުނިޓުން ކަންބޮޑުވާ މައްސަލައެކެވެ،" އެފްއައިޔޫގެ ރިޕޯޓްގައިވެ އެވެ.
އެފްއައިޔޫގެ ރިޕޯޓްގައިވާ ގޮތުގައި، ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތައް ކަމަށް ޝައްކު ކުރެވިގެން ލިބުނު ޝަކުވާތަކުގެ ތެރެއިން އެންމެ ގިނަ ޝަކުވާއަކީ، ގަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމުގެ މައްސަލަ އެވެ. އެއީ ހުށަހެޅުނު ޝަކުވާތަކުގެ 12 ޕަސެންޓް މައްސަލަ އެވެ. ދެން އެންމެ ގިނަ ރިޕޯޓް އެފްއައިޔޫއަށް ލިބިފައި ވަނީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ޑޮކިއުމަންޓް ފޯޖަރީއާ ގުޅޭ ރިޕޯޓްތަކެވެ.
އެފްއައިޔޫގެ ރިޕޯޓްގައި ފާހަގަ ކުރި ގޮތުގައި މި ޝަކުވާތައް ބެލިއިރު ދެން އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކެވެ. އެއީ ބެލި މައްސަލަތަކުގެ ތެރެއިން 54 ޕަސެންޓް މައްސަލަ ގުޅެނީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ އެވެ. އަދި 23 ޕަސެންޓް މައްސަލަ އަކީ، ޓެރަރިޒަމްގެ ފުރުސަތު ބޮޑު ގައުމުތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމެވެ. މީގެ އިތުރުން 15 ޕަސެންޓް މައްސަލަ އަކީ މީހާގެ ޕްރޮފައިލްއާ ނުބައްދަލު ބޮޑެތި ފައިސާގެ މުއާމަލާތްތައް ކުރުމެވެ.
ޓެރަރިޒަމާއި ގުޅުންހުރި ކަންތައްތަކުގައި މާލީ އިދާރާތައް މެދުވެރިކޮށް އަމިއްލައަށް ފައިސާ ހަރަދުކުރާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައި ބުނީ، އެފަދަ ފަރާތްތަކުން އާންމުކޮށް ފައިސާ ހަރަދުކޮށްފައި ވަނީ ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދަތުރުކުރުމާއި ދަތުރުމަތީގައި ކެއިންބުއިމަށް ހޭދަވާ ހަރަދުތައް ހަމަޖެއްސުމަށެވެ. އަދި ލިބިފައިވާ މައުލޫމާތަށް ބަލައި އެފްއައިޔޫއިން ބުނީ މި ގޮތަށް ފައިސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކުން، ތުރުކީ މަގުން ސީރިއާއަށް އެތެރެވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.