އަހަރުގެ ކުރީކޮޅު ކުއްލި ނުރައްކާ އިއުލާނު ކުރުމާއެކު ޓޫރިޒަމަށް ހީނަރުކަން އައެވެ. ގިނަ ބުކިންތަކެއް ކެންސަލްވެ ކަން ބޮޑުވުން އިތުރުވި އެވެ. ނަމަވެސް އިންޑަސްޓްރީއާއެކު ސަރުކާރުން ކުރި މަސައްކަތުން މި އަހަރުގެ ޓޫރިޒަމް ސީޒަނަށް ރާއްޖެ އެއްކޮށް ގާތްގަނޑަކަށް ފުލްވާނެ ކަމަށް ބެލެވެ އެވެ.
"މި [ފުށިވަރު] ރިސޯޓުގެ މިއީ ފުރަތަމަ ސީޒަން. މި އަހަރުގެ ސީޒަންގައި އަޅުގަނޑުމެންގެ އޮކިއުޕެންސީ އުޅެނީ ގާތްގަނޑަކަށް 90 ޕަސެންޓުގައި،" މިދިޔަ އަހަރު ޅ. އަތޮޅުގައި ހުޅުވި ފުށިފަރު ރިސޯޓުގެ ސީނިއަ އޮފިޝަލަކު ވިދާޅުވި
އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަން ފަހަނަ އަޅައިފަ އެވެ. މިއީ ރެކޯޑެވެ. މި ކުރިއެރުމަކީ މިދިޔަ އަހަރު އައި 1.1 މިލިއަން މީހުންނާ އަޅާ ބަލާއިރު 7.3 ޕަސެންޓް އިތުރު ވުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އިނގިރޭސިވިލާތުން 93,300 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 84,679 މީހުންނާ އަޅާ ބަލާއިރު 10.2 ޕަސެންޓް އިތުރު ވުމެކެވެ. އަދި އިޓަލީން 79,583 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު
އައި 67,094 މީހުންނާ އަޅާބަލާއިރު 18.6 ޕަސެންޓް އިތުރު ވުމެކެވެ.
ރާއްޖޭގައި މިހާރު 144 ރިސޯޓެއް ހުރިއިރު އެނދުގެ އަދަދު އުޅެނީ 42،000 އިން މަތީގަ އެވެ. މީގެ ތެރޭގައި 500 އަށްވުރެ ގިނަ ގެސްޓްހައުސް ވެސް ހިމެނެ އެވެ. ރާއްޖޭގެ ބަޖެޓު މާކެޓު ފުޅާވުމުގެ ނަތީޖާއަކީ މި ސެގްމަންޓުން އަންނަ މީހުންގެ އަދަދު ވެސް ބޮޑުތަން އިތުރުވުމެވެ. ހާއްސަކޮށް ބަޖެޓު ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ކ. މާފުއްޓާއި ވ. އަތޮޅު ފުލިދޫ އަދި އއ. ގެ ބައެއް ރަށްރަށުގެ ގިނަ ގެސްޓްހައުސްތައް މިހާރު ވެސް ވަނީ ފުލްވާނެ
ކަމަށް ބެލެވިފަ އެވެ.
ކ. މާފުށީ ކާނި ގެސްޓްހައުސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ އެ ކުންފުނިން މާފުށީގައި ހިންގާ ހުރިހާ ތަނެއް ސީޒަންގައި ފުލްވާނެ ކަމަށެވެ.
"މިހާރު ވެސް މިދަނީ 80 ޕަސެންޓާއި 90 ޕަސެންޓުގައި. ބެލެވެނީ އަންނަ މަހު 100 ޕަސެންޓަށް އޮކިއުޕެންސީ ވެއްޓޭނެހެން،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހިންގާ ޗަމްޕާ އެންޑް ކްރައުން ކުންފުނީގެ 10 ރިސޯޓު މިހާރު ވެސް އޮތީ 80 ޕަސެންޓުން މަތީގަ އެވެ. އަދި އެ ކުންފުނީގެ ރިސޯޓުތަކުން މައުލޫމާތު ދޭ ގޮތުގައި ސީޒަންގައި އޮކިއުޕެންސީ ހުންނާނެ ކަމަށް ބެލެވެނީ 90 ޕަސެންޓުން މަތީގަ އެވެ.
ސީޒަން އާއި އޮފް ސީޒަންގައި ވެސް އެންމެ ބާރު ބޮޑުވަނީ މާލެ ކައިރި ރިސޯޓު ތަކަށެވެ. މި އަހަރުގެ ސީޒަންގައި އެންމެ ބާރު ބޮޑުވާނީ މާލެ ކައިރީގެ ރިސޯޓު ތަކަށެވެ. ހާއްސަކޮށް ގިނަ ގައުމުތަކެއްގެ މީހުން ގިނަ އަދަދަކަށް އަންނަ ޕެރަޑައިސް އައިލެންޑް ރިސޯޓު ފަދަ ގިނަ ރިސޯޓުތަކެއް ފުލްވާނެ އެވެ.
ޓޫރިޒަމްގެ ސީޒަން މި އަހަރު ފެންނަނީ އުޖާލާ ކޮށެވެ. ހަމަގައިމު ވެސް މި ސީޒަނަށް މުޅި ރާއްޖެ "ފުލްވާނެ" ކަމަށް ބެލެވުމަކީ ލިބިގެންދާނެ އުފަލެކެވެ.