ހަބަރު

އަދީބު ގޭ ބަންދަށް ބަދަލުކުރަން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ހޯމް މިނިސްޓްރީ އިން މިއަދު ނިންމައިފި އެވެ.

އަދީބުގެ އަނބިކަބަލުން ނަޝްވާ އަދި ކަރެކްޝަންސް އިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

"ޑޮކްޓަރު ލަފާދީފައިވާ ގޮތަށް އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ބައްދަލުކުރުމަށް އެމްސީއެސްއިން ހުއްދަ ދީފި. އަލްހަމްދުﷲ،" އަދީބުގެ އަނބިކަބަލުން ވިދާޅުވި އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު މިއަދާ ހަމަޔަށް އަދީބު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.

އަދީބުގެ ސިއްހީ ހާލަތު ދަށްވެ ރާއްޖެއިން ބޭރަށް ފޮނުވުމަށް ޑޮކްޓަރުންވެސް ލަފާދީފައި ވެއެވެ. އަދީބަށް އެކި ސިއްހީ މައްސަލަތައް ވަނީ ދިމާވެފައި ކަމަށް އާއިލާއިން ބުނެ އެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި އަދީބުގެ ލޮލަށް ގުލޮކޮމާ، ޖެހި އެމަނިކުފާނުގެ ލޮލުގެ ފެނުމަށް އަންނަނީ އަސަރު ކުރަމުން އެވެ. އަދި އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ އިރު، ކިޑްނީގައި ހިލަވެސް އުފެދިފައިވެ އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މީގެ ކުރިން ވަނީ ގޮވާލައިފަ އެވެ. އެހެން ނަމަވެސް އަދީބު ބުނަމުން އަންނަނީ، އެމަނިކުފާނަށް ތުހުމަތުވާ މައްސަލަތަކުގައި މި ސަރުކާރުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައި ނޫން ގޮތަކަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ނުދާނެ ކަމަށެވެ.