ހަބަރު

ޓޫރިޒަމް މިނިސްޓްރީ، ޕްލާސްޓިކާ ދުރަށް

ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީގައި ޕްލާސްޓިކް ބޭނުން ނުކުރަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ތަކެއްޗާ ދުރު ސިޔާސަތެއް ގާއިމް ކުރަން ނިންމައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީކުރަން ނިންމާފައިވާ ކަމަށެވެ.

މިއީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބެލެމުގެ ދަށުން ގާއިމްކުރަން ނިންމާފައިވާ ސިޔާސަތެކެވެ. މިފަދަ ސިޔާސަތުތައް ސަރުކާރުގެ ވުޒާރާތަކުގައި އަމަލު ކުރަނީ މަދުންނެވެ.

ޕްލާސްޓިކް، ޓޫރިޒަމް މިނިސްޓްރީގައި މަނާ ކުރާއިރު ޕްލާސްޓިކް ކޮތަޅު މަނާ ކެމްޕޭނެއް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފަށަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) ވަނީ ތައްޔާރުވެފަ އެވެ.

ދާދި ފަހުން އުފަންވި ޓޫރިޒަމް ޖަމިއްޔާ އެއް ކަމަށްވާ އޭޓީޕީއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

ރާއްޖެއިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ކެމްޕޭނެއް ފަށާފައިވާއިރު ބައެއް ރަށް ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާ ރަށްރަށުގެ ތެރޭގައި ވ.ކެޔޮދު އާއި އއ.ބޮޑުފުޅަދޫ އަދި އއ. އުކުޅަސް ހިމެނެ އެވެ.