ވިޔަފާރި

ކޮންޑްރެޑް މޯލްޑިވްސް ރިސޯޓް ވިއްކާލަނީ

ރާއްޖޭގެ އެންމެ ހިތް ގައިމު އެއް ރިސޯޓު ކަމަށްވާ ކޮންޑްރެޑް މޯލްޑިވްސް ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.

ރަންގެލި ފިނޮޅުގައި ތަރައްގީ ކޮށްފައިވާ ކޮންޑްރެޑް މޯލްޑިވްސް ހިންގާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު "އަވަސް" އަށް މިއަދު ވިދާޅުވީ އެ ރިސޯޓު ވިއްކާލަން ބޭރުގެ ބަޔަކާއެކު
މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މަޝްވަރާ ކުރަމުން މިދަނީ. އެއްކޮށް އަދި ހަމައެއް ނުޖެހޭ. ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ،" އަފީފު ވިދާޅުވި އެވެ.

މަޝްވަރާ ކުރަމުން މިދަނީ. އެއްކޮށް އަދި ހަމައެއް ނުޖެހޭ ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ
ޗަމްޕާ ހުސެއިން އަފީފު

ނަމަވެސް، އެ ރިސޯޓު ވިއްކާލާ އަގާއި، ވިއްކާލަނީ ކޮން ކުންފުންޏަކަށް ކަމެއް އަފީފު ވިދާޅެއް ނުވެ އެވެ.

ކޮންޑްރެޑް މޯލްޑިވްސް ވިއްކާލުމަސް ނިންމައި އެކަން މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން މިހާރު ވަނީ ރައިޓްސް ބަދަލު ކުރަން އިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނީ އދ. ރަންގަލި ފިނޮޅުގެ ލީޒް އެގްރީމަންޓް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދިފައިވާތީ، އެ ރަށާ ގުޅުންހުރި އެއްވެސް ދަރަންޏެއް ނުވަތަ އެހެނިހެން މައްސަލައެއް އޮތްނަމަ އެކަން 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް ލިޔުމަކުން އެންގުމަށް އެދޭ ކަމަށެވެ.

މޫދު އަޑީގައި ދުނިޔޭގައި އެޅި ފުރަތަމަ ރިސޯޓު "އިތާ" ހެދި މި ރިސޯޓަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ރިސޯޓެކެވެ. އަދި އެ ރިސޯޓުގައި ދާދިފަހުން ވަނީ ދުނިޔޭގެ މޫދު އަޑީގައި ހެދި އެންމެ ފުރިހަމައެއް ގެ ނުވަތަ
"ރެސިޑެންސް ވިލާ" ވެސް ހަދާފަ އެވެ.

ރާއްޖޭގައި ރިސޯޓުތައް ވިއްކުމަކީ އާއްމު ކަމެވެ. ރިސޯޓު ތަރައްގީ ކުރުމަށްފަހު އަގު ލިބުމުން އެ ރިސޯޓު އަގު ބޮޑުކޮށް ވިއްކުމުގައި އެންމެ މަގުބޫލު އެއް މަންޒިލަކީވެސް ރާއްޖެ އެވެ. މިގޮތުން ދާދިފަހުން އެންމެ އަގު ބޮޑުކޮށް ވިއްކާލާފައިވަނީ
ނ. ރަންދެލި ރިސޯޓެވެ.