އަންނަ ދިރާސީ އާއަހަރުގެ ކިޔެވުން ފެށެންދެން އެމްޕީއެލްއިން މުދާ ނެރެެގެން ގެންދެވޭނެ ގަޑި ޓްރާންސްޕޯޓް މިނިސްޓްރީއިން އިތުރުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާއިން ބުނީ 13 ޖެނުއަރީ 2019 ގައި ސުކޫލްތަށް ހުޅުވެންދެން މުދާ އެމްޕީއެލްއިން ނެރެގެން ގެންދެވޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހަލާކުވާ ޒާތުގެ މުދާ 24 ގަޑި އިރުވެސް ނެރެގެން ގެދެންދެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތަށް އެކަން ހަމަޖެއްސީ ތާޒާ ކަންމަތީގައި އެ ތަކެތި ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
ކޮންމެ ދުވަހަކުވެސް ހަވީރު 3:00 އިން ހެނދުނު 6:00އާ ހަމަޔަށް ކޮންޓެއިނާގައި ގެންނަ ކާގޯ މާލެތެރެއަށް ގެންދެވޭގޮތަށް މިހާރު ވަނީ ހަދައިފަ އެވެ. އެއީ ވިޔަފާރިވެރިންގެ ފަރާތުން ލުއި ގޮތްތަކެއް ހޯދައިދޭން އެދިފައިވާތީ ކޮށްފައިވާ ކަމެއްކަމަށްވެސް ޓްރާންސްޕޯޓް މިިނިސްްޓްރީ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، މާލެއިން ހުޅުމާލެއަށް ދާ ބަސް މަޑު ކުރާނެ އިތުރު ސްޓޮޕްތަކެއް ގާއިމް ކުރާނެ ކަމަށާއި، އެގޮތުން ފެރީ ޓާމިނަލް ހުރި ހިސާބުން ފެށިގެންގޮސް އިއްޒުއްދީން މަގާހަމަޔަށް ދެކޮޅަށް ދުއްވާގޮތަށްވެސް މީހުންނަށް ދަތި ނުވާގޮތަކަށް ބަސް ސްޓޮޕްތައް ހެދިގެން ދާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
އެބަދަލު ގެނައުމަށްފަހު އެ ބަސް ހުޅުމާލޭގެ އެންޓްރޭންސްއަށް މަޑު ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ނިރޮޅުމަގު އެއްކޮށް ކަވާ ކުރާނެ ކަމަށެވެ. ނިރޮޅުމަގުން ހުޅުމާލޭގެ ކޮންމެ ހިސާބަކަށްވެސް އެކްސެސް ވެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އެކަން ކުރުމަށްޓަކައި ޕްލޭންކޮށް ނިމިފައިވާކަމަށާއި، ކުރިޔަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މާލޭގައި ލޯޑިން އަންލޯޑިން އަށް ސޮލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެކަމަށްޓަކައި އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.