ހަބަރު

ކުޅިވަރުގެ ތަރި މަރޭ މަޖިލީހަށް ވާދަ ކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް، މަރޭ އިއުލާން ކުރައްވައިފި އެވެ.

މަރޭއަކީ ކުޅިވަރުގެ މަޝްހޫރު ސަހުސިއްޔަތެކެވެ. މަރޭ އިސްނަގައިގެން ފެއްޓީ "ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް"އަކީ ސަމާލުކަން ހޯދި ކެމްޕެއިނެކެވެ.

މަޖިލީހަށް ވާދަ ކުރައްވާކަން ހާމަ ކުރައްވައި މަރޭ ވިދާޅުވި ގޮތުގައި ފޭދޫ ދާއިރާއަށް ނުކުންނަވަން ނިންމީ ދާއިރާގެ މިހާރުގެ ހާލަތު ބަދަލުކުރަން ވަރަށް ބޮޑަށް ބޭނުންވާތީ އެވެ. އެ ދާއިރާގެ އެމްޑީޕީ މެންބަރުން އޭނާއަށް ތާއީދުކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

"ފޭދޫ ރައްޔިތުން ތަމްސީލް ކުރުމުގެ ފުރުސަތު އެ ރައްޔިތުން ދޭނެ ކަމަށް އުންމީދު ކުރަން،" މަރޭ ވިދާޅުވެފައިވެ އެވެ.

މަރޭގެ ކެމްޕެއިން ކުރިއަށް ގެންދަނީ " މަރޭ ނަގާހަށް" ނަމުގަ އެވެ.

މަރޭ ވިދާޅުވީ ގޮތުގައި ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވީ އޭނާގެ ހިދުމަތް އުފަން ރަށަށް ދިނުމަށާއި ގައުމަށް ހިދުމަތް ކުރުމަށް އަދިވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށެވެ. އެނާގެ އެންމެ ބޮޑު އަމާޒަކަށްވެގެންދާނީ ފޭދޫ ރައްޔިތުން ބޭނުންވާ އިސްލާހީ ހެޔޮ ބަދަލު ހޯދުމަށް ބޭނުންވާ މަސައްކަތްތައް މަޖިލީސް ތެރެއިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ މެނިފެސްޓޯ އާ އެއްގޮތަށް މަސައްކަތްކުރުމަށެވެ. މިވަގުތު ކުޅިވަރުގެ ދާއިރާއިން
ގައުމަށް ހިދުމަތްކުރެއްވުމުގެ ބަދަލުގައި ގައުމަށް ހިދުމަތް ކުރެއްވުމަށް އެންމެ ބޭނުން ވަނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް މަރޭ ވިދާޅުވި އެވެ.