ހަބަރު

ސިޔާސީ މަގާމުތައް ދިނުމުގެ ކުރިން މާލީ ބަޔާން ސާފުކުރަނީ

Nov 28, 2018
4

ސިޔާސީ މަގާމުތަކާއި ކުންފުނިތަކަށް އައްޔަން ކުރާ ފަރާތްތަކުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހަމަޖައްސަވާފައި ވަނީ، ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމު ހަވާލުކުރެއްވުމުގެ ކުރިން އެބޭފުޅުންގެ މައުލޫމާތުތައް ހިމެނޭ ފޯމެއް ފުރަން ޖެހޭ ގޮތަށެވެ. އެ ފޯމްގެ ފޯމެޓް ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ފޯމްގައި، އެ މީހެއްގެ ވަނަވަރު ފުރިހަމަ ކުރަން ޖެހުމުގެ އިތުރަށް ތައިލީމީ ފެންވަރާއި، ތަމްރީނާއި ތަޖުރިބާ އާއި، އެބޭފުޅަކާއި އަނބިކަބަލުން ނުވަތަ ފިރިކަލުންނަށް ލިބިވަޑައިގަންނަވާ އާމްދަނީ އާއި، އެބޭފުޅުންގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާ އަދި ދަރަންޏާބެހޭ މައުލޫމާތު ފުރިހަމަ ކުރަން ޖެހެ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު އެއްވެސް ބޭފުޅަކަށް މަގާމު ދެއްވާނީ، އެ ފޯމާއި އޭގައިވާ އިގްރާރު ފުރިހަމަ ކުރުމަށް ފަހު ރައީސް އޮފީހަށް ހުށަހެޅުމުން އޭގައިވާ މައުލޫމާތުތައް ބަލައި އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށެވެ.

"މި އިގުރާރުގެ 4 ވަނަ ނަންބަރުގައިވާ އާމްދަނީއާއި، މުދަލާއި، ފައިސާއާއި، ދަރަންޏާބެހޭ މައުލޫމާތު ހާމަކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.