ފިނިޕޭޖް

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" މިރޭ ދައްކަން ފަށާނެ

ރާއްޖޭގެ ފުރަތަަމަ ވެބް ސީރީޒް ހުވާގެ ފުރަތަމަ އެޕިސޯޑް މިރޭ ދައްކާނެ ކަމަށް އެވެ.

ކުޅަދާނަ ފިލްމު ޕްރޮޑިއުސާ އަދި ޑައިރެކްޓާ ފާތިމަތު ނަހުލާ، ނަހޫގެ ވާހަކައަށް އުފައްދާ ހުވާ ބަލާލެވޭނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. މިރޭ ދައްކާނީ ރާއްޖޭގައި އުފައްދާ ފުރަތަމަ ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑެވެ.

'އަވަސް' އާ ވާހަކަ ދައްކަމުން ނަހޫ ބުނީ ބައެއް މީހުން އަދިވެސް މިއީ ފިލްމެއް ކަމަށް ހީކޮށް ޓިކެޓް ހޯދުމަށް ވެސް ގުޅާ ކަމަށެވެ.

މިރޭ ހުވާ އެޕިސޯޑްތައް ދައްކަން ފަށާއިރު ބައެއް މީހުންނަށް އަދިވެސް ހީވޭ އެބަ ފިލްމެކޭ މިއީ. ފިލްމުގެ ޓިކެޓް ހޯދުމަށްވެސް އެބަ ގުޅާ. ހުވާގެ ފުރަތަމަ އެޕިސޯޑް މިރޭ ނުވައެއް ޖަހާއިރު ބަލާލެވޭނެ.
ފާތިމަތު ނަހުލާ

އިތުރަށް ވާހަކަ ދައްކަމުން ނަހޫ ބުނީ ހުވާގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހަކު އަދި ހޯމަ ދުވަހެއްގައި އަޕްލޯޑް ކުރާނެ ކަމަށާއި ކޮންމެ އެޕިސޯޑަކީ 10-12 މިނެޓުގެ އެޕިސޯޑެއް ކަމަށެވެ. އަދި ހުވާގެ އެޕިސޯޑުތައް ބައިސްކޯފު އެޕް އިން ބަލަން ބޭނުން އެންމެންނަށް ފްރީކޮށް ބަލާލެވޭނެ ކަމަށް ވެސް ނަަހޫ ބުންޏެވެ.

ހުވާގެ ޓްރެއިލާ

ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ލޯންޗުކުރީ ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރި ރަސްމިއްޔާތުގަ އެވެ. ހަތްދިހަ އެޕިސޯޑުގެ މި ސީރީޒް އިން 39 އަކަށްވުރެ ގިނަ އެކްޓަރުން ލީޑުން ފެންނާނެ އެވެ. އަދި ހަމައެހެންމެ، މި ދާއިރާއަށް މުޅިން އަލަށް ނުކުންނަ ހަތަރު ވަރަކަށް ފަންނާނުން ވެސް ފެންނާނެ އެވެ.