ހަބަރު

ސީލައިފްގެ މަކަރުގައި ޖެހުނު އެންމެން މައްސަލަ ހުށަހަޅަން ފުލުހުން އެދިއްޖެ

ސީލައިފް ގްލޯބަލް ކުންފުނިން އެކި ފަރާތްތަކާ ފްލެޓު ހަވާލު ކުރުމަށް ނިންމާ، ބޮޑު އަދަދުން ފައިސާ ނެގުމަށް ފަހު ހިޔަނަތްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 ފްލެޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ ފްލެޓު އަޅާ ނުދީ މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި ސީލައިފްއަށް ދައުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް އެ މައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބި ކަމަށް މި މައްސަަލައިގެ ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުއާމަލާތްތަކާއި އެކު ފުލުހަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ މީހުންގެ އަތުން ހޯދި އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

އޭގެ އިތުރުން އެ ފްލެޓްތަށް އަޅަން ދީފައިވާ ބިމުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފްލެޓް އަޅައި އެ ފްލެޓްތަށް ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކަށް ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އެ ފުލެޓްތަށް ވިއްކާ އިރު، ރިފަންޑްގެ ގޮތުގައި ސީލައިފުން ނަގައިދޭން އެދިފައިވާ ފައިސާ އާއި ފެލެޓް ބޭނުން ނުކުރެވި ދިޔުމުން އެ މުއްދަތުގެ ކުއްޔަށްވާ ފައިސާ ވެސް އުނިކުރުމަށް ވަނީ އެދިފަ އެވެ.

ބައެއް ފަރާތްތަކުން ފެލެޓަށް ފައިސާ ދައްކަން ލޯނު ނަގާފައިވާތީ އެ ލޯނާއި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ފައިސާ އަރަމުންދާތީ، އެކަމުގައި ގެއްލުންވެފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު އޮތްކަން ސިވިލް ކޯޓުން ނިންމައިދިނުމަށް ވެސް ވަނީ އެ މައްސަލާގައި އެދިފަ އެވެ.

ސީލައިފް ކުންފުނީގެ ޑިރެކްޓަރުންނަށް އެ ވަރު ބޮޑު އޮޅުވާލުމެއް ނުވަތަ ފްރޯޑެއް ހިންގިފައިވަނީ އެޗްޑީސީގެ އިހުމާލުން ކަމަށް ނިންމައި، އެޗްޑީސީ އާއި ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނިންމައިދޭން ވެސް ސިވިލް ކޯޓުގައި ވަނީ އެދިފައެވެ. އަދި އެކަމުގެ ސަބަބުން އެޗްޑީސީ އާއި ސަރުކާރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސީލައިފްގެ ޑިރެކްޓަރުންނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އޮތްކަން ނިންމައިދޭން ވެސް ވަނީ އެދިފަ އެވެ.

ސީލައިފް އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައިވެސް މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާ އެވެ. އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލެ އެވެ. އޭނާއަކީ ވެސް ސީލައިފުން ފްލެޓެއް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ.