ސީ ލައިފް ކޮމްޕްލެކްސް

ސީލައިފްގެ އެމްޑީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

ސީލައިފްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.

އަހުމަދު މޫސާ މުހައްމަދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިހަށް އެދިފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރާނެ ކަމަށް އިއުލާންކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް އާންމުން ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށާއި، އެ މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެކަންކަން ބަލައި ތަހުގީގު ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

ސީލައިފް ކުންފުނިން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނަގާފަ އެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ
އެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލާގައި، އެކުންފުންޏާއި، އެޗްޑީސީ އަދި އެކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށްވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށެވެ.

ސީލައިފް ގްލޯބަލް ކުންފުނިން އެކި ފަރާތްތަކާ ފްލެޓު ހަވާލު ކުރުމަށް ނިންމާ، ބޮޑު އަދަދުން ފައިސާ ނެގުމަށް ފަހު ހިޔަނަތްވި މައްސަލާގައި އިންސާފު އަވަސްކޮށް ދިނުމަށް ގޮވާލައި އަންނަމަހު ތިން ވަނަ ދުވަހު ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.