ސީ ލައިފް ކޮމްޕްލެކްސް

އައްމަޓީ ރާއްޖެ ގެނެސްފި

ހުޅުމާލޭގައި ސީލައިފް ކޮމްޕްލެކްސް އިން އިމާރާތް ކުރަން އިއުލާނުކޮށް ދުރާލައި އެތާނގެ އެޕާޓްމެންޓްތައް ވިއްކައި އާންމުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ފައިސާ ނެގި އެ ކުންފުނީގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިއަދު ރާއްޖެ ގެެނެސްފައިވާ ކަމަށާއި އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.

އޭނާ ހޯދުމަށް އިންޓަޕޯލްއިން 2019 ވަނަ އަހަރު ވަނީ ރެޑް ނޯޓިސް ވެސް ނެރުނެވެ. އަދި މިދިޔަ މަހު އޭނާ ވަނީ ސްރީލަންކާއިން ހައްޔަރު ކޮށްފަ އެވެ.

އަންމަޓީ އަކީ ސީލައިފް ކުންފުނިން 300 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނެގި އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000ރ. ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ.

މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފައިވެ އެވެ.

އަންމަޓީ ހައްޔަރު ކުރި އިރު ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި ފަރާތް ތަކަށް، އެޗްޑީސީ އިން އެ ފައިސާ ދީފައި ވެއެވެ. ފައިސާ އެޗްޑީސީން ދިނީ ސީލައިފްއެކު ސަރުކާރުން ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެވެ.