ހުޅުމާލޭގައި ސީލައިފް ކޮމްޕްލެކްސް އިން އިމާރާތް ކުރާނެ ކަމަށް އިއުލާނުކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް އާންމުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ފައިސާ ނެގި އެ ކުންފުނީގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ސްރީލަންކާއިން ހައްޔަރު ކޮށްފި އެވެ.
އޭނާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިންޓަޕޯލްއިން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންމަޓީ އަކީ ސީލައިފް ކުންފުނިން 300 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ހޯދާފައިވާ މީހެކެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރ. ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
އޭނާ ހޯދުމަށް އިންޓަޕޯލްއިން 2019 ވަނަ އަހަރު ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.