ހަބަރު

ހޮނިހިރު ދުވަހުން ފެށިގެން ސިވިލްކޯޓް ރިސެސްއަށް ދަނީ

01 ޑިސެންބަރު 2018 އިން 20 ޑިސެންބަރު 2018 އަށް ސިވިލް ކޯޓު ރިސެސްއަށްދާން ނިންމައިފި އެވެ.

ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން 2011 ގައި ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަސްކަމަށެވެ. އެހެން ކަމުން މިފެށޭ ޑިސެމްބަރު މަހުގެ އެއްވަނަަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލްކޯޓް އޮންނާނީ ރިސެސްގަ އެވެ.

ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް އެކޯޓުގެ ޓާގެޓަށް ވާސިލުވުމަށްޓަކައި، ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީއަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް ގާޒީން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިޔަށް ގެންދާނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ކޯޓުން ބުނީ ރިސެސްގެ މުއްދަތުގައި އާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީއަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ހިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތައް ކަމަށެވެ.