ހަބަރު

މިއީ އަދީބުގެ އާ ފެށުމެއް: ނަޝްވާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިޔާސީ ޕާޓީއަކާ ގުޅިވައިގަތުމަކީ އާ ފެށުމެއް ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ސިއްހީ ހާލަތު ގޯސްވެ، އަދީބު ގެއަށް ބަދަލު ކުރިތާ ދުވަސްކޮޅެއް ފަހުން އިލެކްޝަންސް ކޮމިޝަން އިން މިއަދު ވަނީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އިސްމާއިލް އާސިފްއަށް ހުއްދަ ދޫކޮށްފަ އެވެ. އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ އަދީބެވެ. އެކަމާ ގުޅިގެން އަދީބަށް މަރުހަބާ ކިޔާ ނަޝްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އަދީބުގެ އާ ފެށުމެއް ކަމަށެވެ.

ނަޝްވާ ކުރެއްވި ޓްވީޓު

ރައީސް އަބްދުﷲ ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި އަދީބު ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ހައްޔަރުކޮށް، އޭގެ ފަހުން ހިޔާނާތުގެ ބޮޑެތި މައްސަލަތެއް ފެންމަތިވެ އޭނާ ބޮލުގައި އެޅުވިފަ އެވެ. ބައެއް މައްސަލަތައް އޭނާގެ މައްޗައް ސާބިތުވެ، 33 ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފަ އެވެ. އަދި މިހާރު ވެސް ބައެއް މައްސަލަތައް ކްރިމިނަލް ކޯޓުން ބަލަމުން އެބަދެ އެވެ.

ކުރިން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް އަދާ ކުރެއްވި އަދީބު ވަނީ އެ ޕާޓީއިން ވަކިކޮށްފަ އެވެ.