ހަބަރު

ދިރާސީ އާ އަހަރާ އެކު ނާސްތާ ޕްރޮގްރާމް ފަށާނެ: މިނިސްޓަރު

Nov 30, 2018
17

ދިރާސީއާ އަހަރު ފަށާއިރު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ސަރުކާރުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އަންނަ އަހަރު ދިރާސީ އާ އަހަރު ފެށޭއިރު، ކުދިންނަށް ނާސްތާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ނާސްތާ ޕެކްތަކެއް ތައްޔާރު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ، ދިރާސީ އާ އަހަރާ އެކު ފަށާނީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި ކިޔަވާ ކުދިންގެ އާބާދީއަށް ބަލައިގެން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށްޓަކައި ކަންތައްތައް ރާވަމުން މިދަނީ. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ޕޮޕިއުލޭޝަންގެ ރެޕްރިޒެންޓޭޓިވް ސާމްޕަލްއަކަށް ބަލައިގެން ޕްރޮގްރާމް ޕައިލެޓް ކުރަން. އަންނަ އަހަރުގެ ޖަނަވަރީ މަހު ކިޔެވުން ފެށިގެންދާއިރު އެކި ސްކޫލްތަކުގަ ޕައިލެޓް ޕޮރޮޖެކްޓް ހިންގޭނެ. މި ޕްރޮޖެކްޓް ހިނގަމުންދޭތޯ ވަރަށް ގާތުން ބަލަމުންދާނަށް،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އަދި ވިދާޅުވީ، ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް ކުރިއަށް ގެންދާ ގައުމީ ފެންވަރުގެ މުހިންމު ޕްރޮގްރާމަކަށް ވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ލައިފްސްޓައިލެއް އުފެއްދުމަށް ބާރުލިބި ކުދިންގެ ތައުލީމް އުގެނުން ރަނގަޅު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ބަޖެޓްގައި ވަނީ، 50 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ސަރުކާރުން ރާވާފައި ވަނީ ގްރޭޑް 1-7 އަށް ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް ނާސްތާ ދިނުމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވަނީ ސްކޫލްތައް މެދުވެރިކޮށެވެ.