ހަބަރު

ދިވެހިން ޔޫއޭއީއަށް ދާން ވިސާ ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސަނީ

އަންނަ އަހަރުން ވިސާއެއް ނެތި ދިވެހިންނަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރެވޭނެ ފަދަ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިއަދު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބުދުﷲއާ ބައްދަލުކުރައްވާފަ އެވެ. ޔޫއޭއީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައިވަނީ ޝާހިދު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތައް ހާމަ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި އިންވެސްޓްމެންޓްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިސާގެ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ވިސާ ނުނަގާ ދިވެހިންނަށް ޔޫއޭއީއަށް ދަތުރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ވެއްޓިފައިވާ ވަޅުގަނޑުން ނަގާ، ކޮޅަށް ޖެހުމަށް ބޭރުގެ ދީލަތި އެހީތެރިކަން ހޯދުމަށް ވަޒީރުންގެ ވަފުދެއް މެދު އިރުމައްޗަށް ދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އިންޑިއާ އަށެވެ. ޔޫއޭއީއަށްފަހު ސައުދީ އަރަބިއްޔާއަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.