ހަބަރު

އެމްޑީޕީގެ ހުށަހެޅުން: އެ ޕާޓީއަށް 61 ގޮނޑި، އެހެން ޕާޓީތަކަށް އަށެއް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އިން 61 ދާއިރާއަށް ވާދަ ކުރާނެ ކަމަށް އެ ޕާޓީ އިން ކޯލިޝަންއަށް ހުށަހަޅައިފި އެވެ.

ކޯލިޝަންގެ ތެރޭ ހަތަރު ލީޑަރުން އަންނަނީ މަޖިލިސް އިންތިހާބުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން ހަތަރު ލީޑަރުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެކަމާ ގުޅޭ
ގޮތުން ގޮތެއް ކަނޑަނޭޅިފަ އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްޑީޕީއިން މަޖިލީހުގައި ވާދަ ކުރާނެ ދާއިރާތައް ކޯލިޝަން ޕާޓްނަރުންނާ މިއަދު ލިޔުމުން ވަނީ ހިއްސާކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ އިން ޖުމުލަ 61 ދާއިރާއަކަށް ވާދަ ކުރާނެ އެވެ. އަދި އެ ދާއިރާތަކުގެ ތެރެއިން 20 ދާއިރާއެއްގައި އިއްތިހާދުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ކޯލިޝަނަށްޓަކައި އެމްޑީޕީ އިން ވާދަ ނުކޮށް ދޫކޮށްލާނީ 26 ދާއިރާއެއް ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.

އަވަސްއަށް ލިބިފައިވާ އެ ލިޔުމުގައި އެމްޑީޕީ އިން ބުނެފައި ވަނީ ގޮނޑިތައް އެގޮތަށް ބަހަން ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލިސް އާއި ކޯލިޝަނާއި އެމްޑީޕީ ސެކެރެޓޭރިއަޓް ގައި ދެކެވުނު ވާހަކަތަކުގެ މައްޗައް ބިނާކޮށް ކަމަށެވެ.

ނަމަވެސް އެމްޑީޕީ އިން 61 ދާއިރާއަށް ވާދަކޮށް ކޯލިޝަނަށް 26 ދާއިރާ ދޫކޮށްލާނަމަ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތަށް ލިބޭނީ ކޮންމެ ޕާޓީއަކަށް އަށް ވަރަކަށް ދާއިރާ އެވެ. އެމްޑީޕީން ކުރިން ނިންމާފައި ޕާޓީތަކުގެ މަޝްވަރާއަކާ ނުލާ އެ ލިސްޓު މިއަދު އިއުލާން ކުރުމަށެވެ. ނަމަވެސް މިހާރު ވަނީ ކޯލިޝަންގެ ޕާޓްނަރުންނާ އެކަން ހިއްސާކޮށް، އެމްޑީޕީ އިން ވާދަ ކުރާނެ ދާއިރާތައް މާދަމާ އިއުލާން ކުރަން ނިންމައިފަ އެވެ.

އެމްޑީޕީ އިން ދާއިރާތައް އިއުލާން ކުރާއިރު އެ ލިސްޓާ ގުޅޭ ގޮތުން ކޯލިޝަަންގެ މަޝްވަރާ ހޯދާ، ބަދަލުތައް ގެންނާނެ ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެމްޑީޕީގެ އިސްވެރިންނަށް ގުޅުމުން ވެސް އެއްވެސް
ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

އަވަސް ހުކުރު ޕްރޮގްރާމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ކޯލިޝަނުގެ މެދުގައި އެއްބަސްވުމެއް މިހާރު ވެސް އެބައޮތެވެ. ނަމަވެސް އެމްޑީޕީ އިން އިއުލާން ކުރަން އުޅެނީ އެ އެއްބަސްވުމުގައި ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް ކަމެއް
އަދި ސާފެއް ނުވެ އެވެ.