ބޮލީވުޑް

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފި

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ކައިވެނި ކޮށްފި އެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި ޕޮޕް ބޭންޑް "ޖޯނަސް ބްރަދާސް" އިން މަޝްހޫރުވި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކުރީ އިންޑިއާގެ ޖޯދްޕުރްގައި ހުންނަ އުމައިދު ބަވަން ގަނޑުވަރުގަ އެވެ. މި ގަނޑުވަރުގައި ޕްރިޔަންކާ އާއި ނިކް ކުރީ ޝާހީ ކައިވެންޏެކެވެ. މި ދެތަރިން މީގެ ހަތަރު މަސް ކުރިން ދެމީހުން އެންގޭޖް ކޮށްފައިވާއިރު، އެންގޭޖް ކުރުމުގެ ކުރިން ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެއް ވެދާނެ އެވެ.

ކައިވެނީގެ ފޮޓޯތައް ދެމީހުންގެ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، ޕްރިޔަންކާ އާއި ނިކްގެ ފޭނުން ދަނީ މި ފޮޓޯތަކަށް ކޮމެންޓުކޮށް ޝެއާ ކުރަމުންނެވެ. އަދި ގިނަ ބަޔަކު އެންމެ އަޅައިގަނެގެން އުޅެނީ ކައިވެނީގެ ރަސްމިއްޔާތަށް ޕްރިޔަންކާ ލައިގެން ހުރި އެކި ކުލަކުލައިން ޖަރީކޮށްފައިވާ ބޮޑު ހެދުމަށެވެ. އިންޑިއާގެ ސަގާފަތަށް ކައިވެނި ކޮށްފައިވާ އިރު މި ކައިވެންޏަށް ނިކްގެ އާއިލާގެ ވަރަށް ގިނަ ބަޔަކު ވަނީ އިންޑިއާއަށް އައިސްފަ އެވެ.

ޕްރިޔަންކާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓު

ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުމަންޓް ހަފްލާ ބޭއްވީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގައި އެވެ. އެންގޭޖުމަންޓަށްފަހު އެ ދެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު ފައިވް ސްޓާ ހޮޓަލެއްގައި ވަނީ އެންގޭޖްމަންޓް ޕާޓީއެއް ވެސް ބާއްވާފަ އެވެ. އެ ހަފްލާގައި މަޝްހޫރު ގިނަ ތަރިންތަކެއް ވެސް ބައިވެރިވި އެވެ.

މި ކައިވެންޏަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކައިވެންޏެކެވެ. ޕްރިޔަންކާ އާއި ނިކް އެކުގައިި ފެންނަން ފެށިތާ މާގިނަ ދުވަހެއް ނުވެ ކައިވެނި ކުރާތީ އެއް ބަޔަކު ފާޑު ކިޔަސް ޕްރިޔަންކާގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. ބޮލީވުޑްގެ އަދި ހޮލީވުޑްގެ ވެސް ގިނަ ތަރިންތަކެއް މި ޝާހީ ކައިވެނީގައި ބައިވެރިވި އެވެ.