ރިޕޯޓް

މި ކޯލިޝަންގެ "ޖަނާޒާ" ފެށިއްޖެ

އިއްތިހާދެއްގެ ތެރެއިން އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމެއް ގާއިމްވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް، ރައްޔިތުން ބެލީ ކޯލިޝަންގެ "ފިލް"މެވެ. މިއީ، ފަހު ފަހަރޭ ބުނެ މިފަހަރު ވެސް ރައްޔިތުން ތިން ވަނަ ފަހަރަށް ވެސް ފުރުސަތު ދިނީ ކޯލިޝަނަކަށެވެ. މިފަހަރި ކޯލިޝަނަކަށް އާ ބަސްބުނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނާށެވެ. އަނެއްކާ ވެސް މިފަހަރު މި ފެންނަނީ ކޯލިޝަންގެ ފިލްމަށް ހިތި ނިމުމެއް އަންނަ މަންޒަރެވެ.

ދެހާސް އަށް ވަނަ އަހަރާއި 2013 ވަނަ އަހަރުގައި އުފެއްދި ކޯލިޝަން އުފެއްދީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުން ލީޑަރުންގެ މެދުގައި އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ މައްޗަށެވެ. އެކަން ތަކުރާރު ނުކުރުމަށް މިފަހަރު މުޅި ކޯލިޝަން ރިޔާސީ އިންތިހާބަަށް ނިކުތީ ވެސް އެކުގަ އެވެ. ހަމައެއާއެކު ސަރުކާރު ބަހާނެ ގޮތާއި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ހަމަޔަށް އަމަލު ކުރާނެ ގޮތާމެދު ހިޔާލު އެއްގޮތްކޮށް، އެގްރީމަންޓެއްގެ ސިފަ ޖެއްސި އެވެ.

ހަތަރު ލީޑަރުންނަށް މަޝްވަރާ އަރުވާ "1819" ކޮމިޓީގައި ފުޅާކޮށް މަޝްވަރާ ކުރުމަށް ފަހު ގިނަ ކަންކަމާ އިގުރާރުވެ ޕާޓީތަކުން އެއްބަސްވުމުގައި ސޮއި ކުރި އެވެ. އެއާ މުޅިން ހިޔާލު އެއްގޮތް ނުކުރެވުނީ ރައީސް މައުމޫންއަށެވެ. ނަމަވެސް އެމަނިކުފާނު ވެސް ހުންނެވީ "ދޫދީގެން" ނަމަވެސް ކޯލިޝަން ދެމެހެއްޓުމަށްޓަކައި ކުރިޔަށްދާ ގޮތަށެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރެއް ގާއިމްވިތާ ދެ ހަފްތާވީ އިރު އެ ޕާޓީގެ މިސްރާބު މިހާރު ހުރީ ކުރިން ވެފައި އޮތީ "އަސްލު އެއްބަސްވުމެއް" ކަމަށް ވެސް ގަބޫލު ނުކުރާ ހިސާބުގަ އެވެ. އެ ޕާޓީގެ ދައުވާ އަކީ ރައީސް މައުމޫންގެ ފަރާތުން އެ ލިޔުމުގައި ސޮއި ނުކުރާތީ އެއީ ޕާޓީތަކުގެ މެދުގައި ވެފައިވާ ހަގީގީ އެއްބަސްވުމެއް ނޫން ކަމަށެވެ.

ނަމަވެސް ވަކިވަކި ޕާޓީތަކާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ސޯލިހު ދެމެދުވެފައިވާ އެ އެއްބަސްވުމުގައި ސާފުކޮށް ބުނެފައި ވަަނީ "އަންނަނިވި ކަންކަމަށް އެމްޑީޕީ އިން އެއްބަސްވެފައިވޭ" މިހެންނެވެ. އޭގައި ސޮއިކޮށްފައި ވަނީ އެ ޕާޓީގެ ހިންގުމާ ހަވާލުވެ ހުންނެވި ޗެއާ ޕާސަން ހަސަން ލަތީފް އެވެ. އެއީ އެމްޑީޕީ އާއި ސަރުކާރު ދެމެދު ވަކިން ވެފައިވާ އެއްބަސްވުމެވެ. އެމްޑީޕީ ސަރުކާރުގައި އޮންނަހާ ހިނދަކު އަދި އެ އެއްބަސްވުމުގައި އެ ޕާޓީ އިން ސޮއިކޮށްފައި އޮތުމުން އެއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ މީހުން އެބަ ތިއްބެވެ.

"ގާތްގަނޑަކަށް ދެ އަހަރު ދުވަހު ކޮންމެ މީހަކު ވާހަކަދައްކަން ފެށުމުގެ ކުރިން މި ކިޔަނީ ހަތަރު ލީޑަރުންގެ ނަން، މިކަން އަޅުގަނޑުމެން މި ކުރީ ކަން ދައްކާކަށް ނޫން، ރައްޔިތުންނަށް ބޮޑެތި ދޮގުތަކެއް ހަދާކަށް ވެސް ނޫން، އަޅުގަނޑުމެން ބޭނުން ވަނީ މި ސަރުކާރާއި ކޯލިޝަން ވެސް ދަމަހައްޓަން، ޕާޓީތަކުގެ މުސްތަގުބަލަށް ރަނގަޅުވާނީ ވެސް ރައްޔިތުންނަށް ވައުދުވީ ގޮތަށް ކޯލިޝަން ސަރުކާރަކާއެކު ކުރިޔަށް ދާން،" އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މައްސަލަތައް ބޮޑުވާން ފެށީ އެމްޑީޕީއަށް "ހައްގު ނޫން މިންވަރަށް" މަޖިލީހުގައި ވާދަ ކުރާނެ ގޮނޑިތައް ބަހާފައި އޮތުމުންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީއެއް ގޮތުގައި އޮތް އެމްޑީޕީއަށް ދިނުމަށް އެ ޕާޓީ އިން ވެސް ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ 35 ގޮނޑި އެވެ. ނަމަވެސް އެއީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބޭފުޅުންނާއި ރައީސް މުހައްމަދު ނަޝީދު ވެސް އެންމެ ބޭނުންވާ ގޮތެއް ނޫން ކަމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުން އެނގެ އެވެ.

އެހާ ހިސާބުން އެއްބަސްވުމާ ހިލާފަށް އެމްޑީޕީ އިން ނިންމީ މަޖިލީސް އިންތިހާާބުގައި ކޯލިޝަނާ ވަކިވެގަނެގެން ހުރިހާ ދާއިރާއަކަށް ވެސް ވާދަ ކުރުމަށެވެ. އެއީ ކޯލިޝަންގެ އެއްބަސްވުމަށް ވެރިކަން ކުރާ ޕާޓީއިން މުޅިން ހިލާފުވުން ކަމަށް ބުނެ ތުހުމަތުގެ އިނގިލި އެބަ ދިއްކުރެވެ އެވެ.

އެމްޑީޕީ އިން އެއްބަސްވުމާ ހިލާފުވެފައިވީ ނަމަވެސް އެހެން ޕާޓީތަކުން ތިބީ ކޯލިޝަން ރޫޅުނަ ނުދީ ހިފަހައްޓާށެވެ. އެއްބަސްވުމުގައި އޮތް ގޮތުން ނަމަ އެ ޕާޓީތަކަށް ލިބޭ ގޮނޑިތަކާ މެދު ހިތް ހަމަޖެހިގެން ގުޅިގެން ދާއިރާތަކަށް ވާދަ ކުރާ ގޮތަށެވެ. އެކަމުގައި ރައީސް ސޯލިހުގެ މަޝްވަރާ ހޯދާ، އެ މަނިކުފާނުގެ ތާއީދާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަނެއްގެ ގޮތުގައި ނިކުތުމަށް ޖޭޕީއާ، އެމްއާރްއެމް އަދި އަދާލަތުން ވިސްނަ އެވެ. އެ ކަމާ ގުޅިގެން ޕާޓީތަކުގެ ލީޑަރުން ރައީސް ސޯލިހާ ބައްދަލުކުރަން ވަނީ ނިންމާފަ އެވެ.

ރައީސް ސޯލިހު ހުވާ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވި ގޮތުގައި ރައްޔިތުން ވޯޓު ދިނީ ކޯލިޝަން ސަރުކާރަކަށްކަން ހަނދާން ނައްތާ ނުލާނެ އެވެ. ކޯލިޝަން ދަމަހައްޓާނެ ކަމާއި އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަަމަކު ސިޔާސީ އޮއެވަރު ބަދަލުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތަށެވެ. "ކޭކު ފަޅާ" ހިސާބުން ކޯލިޝަންގައި ރެނދުލާން ފެށުމެވެ. މަޖިލިސް އިންތިހާބާ ހަމަޔަށް ދާއިރު ކޯލިޝަން އެކުގައި އޮންނާނެ ކަމާމެދު ގިނަ ބަޔަކަށް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ގިނަ ބަޔަކަށް ގަބޫލު ކުރެވިފައިވާ ގޮތުން ކޯލިޝަންގެ "ޖަނާޒާ" އެ ފެށުނީ އެވެ. އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމަށް ގާނޫނީ ހައިސިއްޔަތެއް ވެސް ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް ދިނީ އުންމީދުތަކެކެވެ. މި މައްސަލަގަނޑަށް ރައީސް ސޯލިހު ދެއްވާނީ ފަހެއް ކޮން ޖަވާބެއް ހެއްޔެވެ؟